ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަރުތުތައް ރާއްޖެ އިން ބޭރަށް ފުޅާކުރުމަށް ހޯދި ވައިޑް ބޮޑީ ބޯޓާ އެކު އަންނަ މަހުގެ 17 ވަނަ ދުވަހު ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ ސަރުކާރުގެ އެހީތެރިކަމާއެކު މޯލްޑިވިއަންއަށް ހޯދި ވައިޑް-ބޮޑީ އޭ330 ގެ ބޯޓް މިހާރު ޔޫރަޕުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމައި ބޯޓުގެ ލިވަރީ ބަދަލުކުރުމަށްޓަކައި ސިންގަޕޫރަށް ގެންގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ޝެޑިއުލް އޮތް ގޮތުން މި މަހުގެ 31 އަށް އެ މަސައްކަތް ނިންމައިލެވޭނެ ކަމަށެވެ.
އެހެންވެ މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން ފުރަތަމަ ވައިޑް-ބޮޑީ ބޯޓް އަންނަ މަހުގެ 7 ގައި ރާއްޖެ އަންނާނެ ކަމަށާއި ކަމަށް މޯލްޑިވިއަންގެ ދުރު ދަތުރުތަކުގައި އެ ބޭނުން ކުރަން ފަށާނީ އަންނަ މަހުގެ 17 ގައި ކަމަށް ވިދާޅުވި އެވެ.
"މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓްތައް ދުރު ރާސްތާ އަށް ފެށިގެން ދާނެ އަންނަ މަހުގެ ސަތާރާގައި،" އަމީން ވިދާޅުވި އެވެެ. "އެހިސާބުން ފެށިގެން ތިންސަތޭކަ ވަރަކަށް ސީޓު ހުންނަ މަތިންދާބޯޓަކަށް ވާއިރު މިއިން ކޮންމެ ދަތުރަކުން ވަރަށް ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ. މީގެ ފައިދާ އަޅުގަނޑުމެންގެ އިކޮނޮމީ އަށް ކުރާނެ."
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިފަދަ ދެވަނަ ބޯޓެއް ވެސް އަންނަ އަހަރުގެ މެދުތެރޭ ރާއްޖެ ގެނައުން ކަމަށެވެ.
އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ މޯލްޑިވިއަނަށް ވައިޑް ބޮޑީ ބޯޓް ހޯދަން ޓްރޫނޯޑާ އެކީ އެއްބަސްވުމެއްގައި ސޮއިކުރީ ޖުލައި 26 ގަ އެވެ.
ވައިޑް ބޮޑީ ބޯޓްގެ ދަތުރުތަކަށް މޯލްޑިވިއަނުން ތައްޔާރުވަމުން އަންނަ އިރު، ބޭރުގެ ބައެއް ގައުމުތަކުން ސޭލްސް އޭޖެންޓުން ހޯދަން ވެސް އައިއޭއެސް އިން ދާދި ފަހުން އިއުލާންކުރި އެވެ. އެއީ ދެކުނު އެފްރިކާ އާއި އިނގިރޭސިވިލާތާއި ޖަރުމަނަށެވެ.