ބޮލީވުޑްގެ އެކްޓަރުންނަށް ފިލްމުތަކުން ފީގެ ގޮތުގައި ލިބޭ އަދަދު އެނގުމުން އަންތަރީސްވާ ކަމަށް ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.
ކުރިއަރަމުން އަންނަ ބަތަލާ ބޮލީވުޑް ހަންގާމާ ދިން އިންޓަވިއުއެއްގައި ބުނީ ވަކި ޖިންސެއްގެ މީހަކަށްވާތީ އާމްދަނީގައި އެހާ ބޮޑު ފަރަގެއް ގެންގުޅުމަކީ އިންސާފެއް ނޫން ކަމަށެވެ. ނަމަވެސް އާންމުކޮށް ފިލްމީ ތަރިން އެ މީހުންގެ ފީއާ ބެހޭ ގޕތުން ވާހަކަ ނުދައްކާ ކަމަށާއި ހާއްސަކޮށް ބަތަލާއިންނަށް އެ ވާހަކަ ދައްކަން އުނދަގޫ ކަމަށް އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ބުންޏެވެ.
"އަހަރެން ހިތަށް އަރަނީ މިސާލަކަށް އެކްޓަރަކަށް ކީއްވެހޭ އަހަންނަށް ލިބޭ ކާރަށް ވުރެ އަގުބޮޑު ކާރެއް ލިބެންވީ؟" ދެހާސް ނަވާރައިގައި "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން އެކްޓިން އަށް ނުކުތް ބަތަލާ ބުންޏެވެ. "އެއީ އަސްލު އިންސާފު ކަމަކަށް ގަބޫލެއް ނުކުރެވޭ. ތެދަށް ބުނަންޏާ އެކްޓަރުންނަށް ފިލްމުތަކުން ލިބޭ އާމްދަނީ އެނގުނީމަ ހައިރާންވެގެން ވެސް ޝޮކްޖެހޭ ވަރުވޭ."
އަނަންޔާ ބުނީ ބޮލީވުޑްގެ ބަތަލާއިންނަށް ލިބޭ އާމްދަނީ އަށް ފަހަކަށް އައިސް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އަދިވެސް ފީގެ ފަރަގާ މެދު ކަންބޮޑުވާން ޖެހޭ ކަމަށާއި އިންޑަސްޓްރީ އަށް ނުކުންނަ އަންހެނުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ އިރު، މިކަމަކީ އެކަށީގެންވާ ހައްލެއް އަންނަން ޖެހޭ ކަމަށެވެ.
އަނަންޔާ، 26، ގެ އެންމެ ފަހުހެ ފިލްމަކީ މިދިޔަ އޮކްޓޯބަރު މަހު ނެޓްފްލިކްސް އިން ގެނެސްދިން ސްކްރީން ލައިފް ތުރިލާ "ކޮންޓްރޯލް" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޝަންކަރާ" އާއި "ޗާންދު މޭރާ ދިލް" ގެ އިތުރުން އެމެޒޯން ޕްރައިމްގެ ސީރީޒް "ކޯލް މީ ބޭ" ގެ ދެވަނަ ސީޒަން ހިމެނެ އެވެ.