އަންނަ އަހަރުގެ ތެރޭގައި އއ. ތޮއްޑޫގެ ނަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެ އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން ތޮއްޑޫގެ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ތޮއްޑު އަށް މި ވަގުތު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ރަށުގެ މަގުތަކުގެ ހާލަތު ދަށްވުން ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދައި ދޭން އަންނަ އަހަރަކީ ތޮއްޑޫގެ މަގުތައް ހަދަން ފެށޭނެ އަހަރެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށުގެ މަގުތައް ހެދިފައި ހުރުމަކީ އިގުތިސާދަށް ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ އެކަންކޮށް ދޭން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުންވާ ކޮންސެޕްޓެއްގައި ރަށުގެ ޓޫރިޒަމަށް ވެސް މަގުފަހިވާ ގޮތަށް ގާ އަތުރައިގެން މަގުތައް ހަދާނެ. އެ މަޝްރޫއަކީ ސޮއި ވެސް ކުރެވިފައި އޮތް މަޝްރޫއެއް." ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތޮއްޑޫގެ މަގުތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން ވިއްސާރަ ދުވަސް ދުވަހު ދަރިވަރުން ސްކޫލްތަކަށް ގެންދަން ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑެތި ދެތިތަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ތޮއްޑޫގެ މަގުތައް ހެދުމާއި ރަށުގެ ސްކޫލްގެ ޖާގަ ބޮޑުކޮށް ދިނުމާއި ރަށުގެ ސިއްހީ މަރުކަޒު ވެސް ބޮޑުކޮށް ދިނުމަކީ އަންނަ އަހަރު ސަރުކާރުން ކޮށްދޭނެ ކަންކަން ކަމަށެވެ. އެގޮތުން ޖުމްލޮށް، ތޮއްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.