Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ސިޔާސީ ބޭނުމަށް ގައިދީންނަށް މާފެއް ނުދޭނެ

މި ސަރުކާރު އައި ފަހުން މިހާތަނަށް މާފުދީގެންނާ ޕެރޯލްގެ ގާނޫނުގެ ދަށުން މާފު ދީފައިވާނީ 86 ގައިދީއަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅިވެއްޖެ އެވެ.

އެ މަނިކުފާނު މިއަދު އއ. އަތޮޅަށް ފެއްޓެވު ދަތުރުގެ ތެރެއިން ތޮއްޑޫ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ މި ސަރުކާރަކީ ސިޔާސީ މަންފާ އަށް ބަލައިގެން ކަންކަން ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުން އިންތިހާބުތަކާ ދިމާކޮށް ގިނަ ގައިދީންތަކަކަށް މާފު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"މި އަހަރުގެ ތެރޭގައި މުޅި އަހަރަށް ބަހާލައިގެން ކްލެމެންސީގެ ތެރެއިން ވިޔަސް އަދި ގާނޫނުގެ އޮންނަ ފުރުސަތުގެ ތެރެއިންވިޔަސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ލުއިގެ ތެރެއިން ވިޔަސް ޖުމްލަކޮށް އަދަބު ލުއިކޮށްދީ ދޫކޮށްލާފައި ވަނީ ޖުމްލަ 86 އަށްދިހަ މީހުން."' ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބާ ދިމާކޮށް 762 މީހުން ދޫކޮށްލި ކަމަށެވެ. އަދި 2021 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް 458 ގައިދީން މިނިވަންކޮށްފައިވާ އިރު 2022 ގައި 256 އަދި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް 429 މީހުން ޖަލުން ދޫކޮށްލު ކަމަށް ވިދާޅުވި އެވެ.

"މި އަހަރުވެސް އޮތޭ އިންތިހާބެއްް މަޖިލީސް އިންތިހާބު، އަޅުގަނޑުމެން އިންތިހާބާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި ބަޔަކު މަގުމައްޗަށް ދުލެއް ނުކޮށްލާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދަޅުވީ ސިޔާސީ ވިސްނުމުގެ ބަދަލުގައި މި ސަރުކާރުން ހިދުމަތް ދެނީ ރައްޔިތުންނަށް ވިސްނައިގެން ކަމަށެވެ.