މާލޭގެ ގެއަކަށް ވައްކަން ކުރަން ވަދެ އުޅުނު މީހަކު އަތުލައިގަނެ، ފުލުހުންނާ ހަވާލުކޮށްފި އެވެ.
އެ މީހާ ވައްކަން ކުރަން ވަނީ މާފަންނު ފީރޯޒް މަގުގައި ހުންނަ މަހާލްގެއަށެވެ. އެ ގެއަށް ވަދެ ތެލިތަކެއް ވަގަށް އުޅެނިކޮށް އަތުލައިގަތް މީހާގެ ބޮލަށް ފުށް އަޅައި މަގުމައްޗަށް ނެރެފައިވާ މަންޒަރު ފެންނަ ވީޑިއޯއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
އެ ވީޑިއޯގައި އެ މީހާގެ އަތުގައި ފުލުހަކު ފުރަގަހަށް ބިޑި އަޅުވައިގެން ގެންދަން އުޅުމުން މަގުމައްޗަށް ވެއްޓި ގަތުމުން އާންމުންގެ ބައެއްގެ އެހީއާ އެކީ މަގުމަތިން ނަގައިގެން ގެންދާ މަންޒަރު ފެނެ އެވެ.
ފަހަކަށް އައިސް މާލޭގައި ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކުރީ ވެސް ވައްކަމުގެ މައްސަލަތެކެކެވެ. އެގޮތުން ވައްކަމުގެ 310 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.