Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

'ބިބީ' އަލުން އޮލިމްޕަހަށް

ޑާކް ރެއިން އެންޓައިންމަންޓުން މިދިޔަ އޮކްޓޯބަރި މަހު އޮލިމްޕަހުގައި އެޅުވި ފިލްމު "ބިބީ" ބަލާލަން ނުލިބޭ މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ.

މި ފިލްމުގެ ދެ ޝޯއެެއް މި މަހު އަޅުވަން ނިންމައި މިހާރު މި ވަނީ ޓިކެޓް ބުކްކުރަން ވެސް ހުޅުވާލައިފަ އެވެ. މި ހާއްސަ ދެ ޝޯ ދައްކަން ހަމަޖެހިފައި ވަނީ މި މަހުގެ 19 އާއި 20 ގަ އެވެ. އެހެންވެ "ބިބީ" ނުބަލާ މީހުންނަށާއި އަލުން އަނެއްކާ ވެސް ބޮޑު ސްކްރީނުން ފިލްމު ބަލާލަން ބޭނުންވާ މީހުން އަވަހަށް ޓިކެޓް ބުކްކުރަންވި އެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރި "ބިބީ" އަކީ ޑާކް ރެއިންގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. ފިލްމުގެ ޝޯތައް އޭރު އޮލިމްޕަހުގައި ދެއްކީ އޮކްޓޯބަރު މަހުގެ 19 އާ ހަމައަށެވެ.

މިއީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމެވެ. ފިލްމުގެ ލީޑް ތަރިންނަކީ އޭނަގެ ފިރިމީހާ ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބު، އަހުމަދު ސައީދު، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ)، މަލީހާ ވަހީދު، ޝުހާ، އާދަމް ރިޒްވީ، ސާމީ، އަމަން، ހާޒިފު އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.

މިދިޔަ މަހުގެ ތެރޭގައި "ބިބީ" ގެ ޝޯތަކެއް ސްޕެއިނާއި އިޓަލީގައި ވެސް ދައްކާފައިވާ އިރު، މި ފިލްމު ބައެއް ރަށްރަށުގައި ވެސް ދައްކާފައިވެ އެވެ.


މިއީ ޑާކް ރެއިނުން މި އަހަރު ގެނެސްދިން ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ މާޗްގައި އެޅުވި ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އެވެ.

އޮލިމްޕަހުގައި މިހާރު އޮތީ އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން މިދިޔަ މަހުގެ 20 ގައި ޕްރީމިއާކުރި ކްރައިމް ތުރިލާ "ދޭދަރު ރުއިން" އެވެ.