Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސަބްސިޑީ އާއި އާސަންދަ ނުކަނޑާނަން: ރައީސް

އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީ، ޕެންޝަން އަދި އާސަންދަ ނުކަނޑާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އއ. މަތިވެރީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީއާއި އާސަންދަ އަދި ރިޓަޔާމަންޓް ޕެންޝަން ނުކަނޑާނެ ކަމަށާއި އޭގެބަދަލުގައި އެކަންކަން ރަނގަޅުކުރައްވާނެ ކަމަށެވެ.

"އެއްވެސް ރައްޔިތަކަށް ލިބެމުންދާ ސަބްސިޑީއެއް ވެސް ނުކަނޑާނަން. އާސަންދައެއް ވެސް ނުކަނޑާނަން. ރިޓަޔާމަންޓް ޕެންޝަނެއް ވެސް ނުކަނޑާނަން. އަދި އެއަށްވުރެ ރަނގަޅުކޮށްދޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ފައިސާ ޗާޕުނުކޮށް، ރާއްޖެ ބަނގުރޫޓު ވިޔަނުދީ، ގައުމަށް އިގުތިސޯދީ ގޮތުން ތަރައްގީ ގެނެސް، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގަމުން ކުރިއަށްގެންދިޔުން ކަމަށެވެ. އަދި ނާޖާއިޒު ގޮތެއްގައި ކުރަމުންދާ ޚަރަދުތައް ހުއްޓާލާ އެފަދަ ޚަރަދުތައް އުނިކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ފާސްކުރި 56.6 ބިލިޔަން ރުފިޔާގެ ބަޖެޓުގައި ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފަ އެވެ.

އެގޮތުން ސަބްސިޑީދޭ އުސޫލަށް ބަދަލުތައް ގެންނަން ނިންމާފައިވާއިރު، އެ ބަދަލާއެކު ސަރުކާރުން ވަނީ ސަބްސިޑީއަކީ އެންމެ ބޭނުންޖެހިފައިވާ މީހާއަށް ލިބޭ އެއްޗަކަށް ހެދުމަށް ނިންމާފަ އެވެ.