Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ގާނޫނުއަސާސީގެ ބަދަލުން ރައްޔިތުންގެ ބާރުވެރިވެއްޖެ

ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވިފައިވާކަން، ސިޔާސީ ތަޢައްޞަބުތަކުން އެއްކިބާވެވަޑައިގެން ވިސްނާވަޑައިގެންފި ކޮންމެ ރައްޔިތަކަށްވެސް ފަހުމުވެވަޑައިގަންނަވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ. އއ. މަތިވެރީގެ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޤާނޫނުއަސާސީގެ މަޤްޞަދަކީ، ދައުލަތުގެ ސިޔާދަތީ ބާރާއި އެ ބާރު ހިނގާ ސަރަޙައްދު އިޢުލާންކޮށް ކަނޑައެޅުމާއި، ރައްޔިތުންގެ ބާރު ކަނޑައެޅުމާއި، ރައްޔިތުންގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ދައުތުގެ ޤާނޫނީ ވެރިކަން ހިންގުމުގެ ނިޒާމާއި ތަރުތީބާއި އިންތިޒާމުތައް ކަނޑައެޅުންކަން ކަމަށެވެ.

އެ މަނިކުފާނުވިދާޅުވީ، ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފައި ވަނީ، ރައްޔިތުންގެ ދިފާޢުގައި ކަމަށެވެ. އެހެންވެ އެކަން އިތުރަށް ތަފްޞީލުކޮށް ދެއްވަމުން ވިދާޅުވީ ޤާނޫނުއަސާސީއަށް ގެނައި އިސްލާޙުތަކުގެ މަޤްޞަދު، ރައްޔިތުންނަށް ސާފު ވާން ވެސް ޖެހޭ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އެންމެ އަކަ އިންޗިއަކަށް ވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓުގެ އިތުރުން، 143،332 ރައްޔިތުންގެ ރުހުމާ ވެސް އެކީގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޤާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ގެނައި ބަދަލާއެކު، ރާއްޖޭގައި އަސްކަރީ އެންމެ ބޫޓު ޖޯޑެއް ހަރަކާތްތެރިވުމަށް ވެސް، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް، ރާއްޖޭގެ ސަރަޙައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވުމަށް ހުއްދަ ދިނުން ވެސް މަަނާވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ ޝަރުޠުތަކަށް ގެނައި ބަދަލުން ވެސް ހިމާޔަތްކޮށް ދެނީ ރައްޔިތުންގެ ޙައްޤުތައްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މެމްބަރުން އިންތިޚާބުގައި ވާދަކުރަނީ ވަކި ފިކުރެއް ނުވަތަ ޕާޓީއެއް ތަމްސީލުކުރާ މީހެއްގެ ގޮތުން ކަމަށާއި، އެހެންކަމުން، އިންތިޚާބުވާ މެންބަރާ ދާއިރާގެ ރައްޔިތުންނާ ދެމެދު ވަނީ އަހުދެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ޢަހުދުގައި މެންބަރު އެއްބަސްވަނީ ޤާނޫނުއަސާސީގައި ބުނާ މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށާއި، ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުގެ ސަބަބުން މެންބަރުން ވީ އަޙުދު ހިމާޔަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމުގެ ކުރިން ރައްޔިތުންގެ ވޯޓުން ފާސްކުރަން ޖެހޭ ޙާލަތްތަކަށް ރިޢާޔަތްކުރައްވަމުން، ފެންނަ ނުފެންނަ ވޯޓާ މެދު ގޮތް ނިންމުމަށް، މަދު މީސްކޮޅެއްގެ މުށުތެރޭގައި އޮތް ބާރު، ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙާއެކު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވިފައިވާ ކަމަށެވެ. އަދި ގެނައި ބަދަލަކީ ވެސް، ދިގު ރާސްތާގެ އަދި ކުރު ރާސްތާގެ ވެސް ތަރައްޤީގެ ޕްލޭންތައް ހެދުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރެވިފައި ނުވާތީ، އެކަމަށް ގެނައި އިޞްލާޙެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.