މަސްވެރިން ކިރުވާ މަހަށް 48 ގަޑި އިރުތެރޭގައި ފައިސާ ދޫކުރަން ވި ވައުދާ އެއްގޮތަށް މާދަމާ އިން ފެށިގެން އެކަން ހިނގަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު ކ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގެ ތެރެއިން މިހާރު ގާފަރުގައި ކުރިއަށްދާ ޖަލްސާގައި ވިދާޅުވީ އެ އިންތިޒާމު ހަމަޖެހުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ (އެމްއެމްއޭ) އުން އިއްޔެ ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އެހެންވެ ބީއެމްއެލްގެ އެކައުންޓް އޮންނަ އޮޑިވެރިން ކިރުވާ މަހަށް، 48 ގަޑި އިރުތެރޭގައި މާދަމާ އިން ފެށިގެން ފައިސާ ޖަމާވަމުން ދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެން އޮތީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެކައުންޓް އޮންނަ އޮޑިވެރިންނަށް ފައިސާ ހަމަ އެ އުސޫލުން ދޫކުރެވޭ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެހެންވެ އެ ބޭންކާ ގުޅިގެން އެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާުވި ގޮތުގައި މި އުސޫލުން ފައިސާ ދޫކުރަން ފެށުމުން ކިރުވާ މަހަށް މަސްވެރިންނަށް ފައިސާ ނުދެވި ދެން ބެކްލޮގް ނޯންނާނެ ކަމަވެ. ރައީސް މިއަދު ވިދާޅުވީ ފާއިތުވި ދެ ހަފުތާގައި މަސްވެރިން ކިރުވި މަހަށް ވެސް މިއަދު ފައިސާ ދޫކޮށް ބެލްލޮގް ސާފުކޮށްފައިވާ ކަމަށެވެ.
އެއީ 38 މިލިއަން ރުފިޔާ އެވެ. އެގޮތުން ބީއެމްއެލްގެ އެކައުންޓް އޮތް 196 އޮޑިވެރިންނަށް 32.4 މިލިއަން ރުފިޔާ އާއި އެމްއައިބީގެ އެކައުންޓް އޮތް 20 އޮޑިވެރިއަކަށް 5.6 މިލިއަން ރުފިޔާ އެވެ.
މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ބަޖެޓްގެ ތާށިކަމާ ހެދި އެކަން އެގޮތަށް ކުރިއަށް ގެންދަން ދިމާވިި ދަތިތަކާ ހެދި، އެ ވައުދާ އެއްގޮތަށް މިހާތަނަށް ފައިސާ ދޫކުރެވިފައި ނުވާތީ ރާއްޖޭގެ އެކި ހިސާބުތަކުގެ މަސްވެރިން ސަރުކާރާ ދެކޮޅަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން މުޒާހަރާކޮށްފައިވެ އެވެ.