Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ޓޫރިސްޓް ވިސާއާ ހިލާފުވި ޗައިނާ މީހަކު އަތުލައިގެންފި

ރާއްޖެ އަށް ޓޫރިސްޓް ވިސާގައި އައި މީހަކު ވިޔަފާރި ހިންގައި، އާންމު ތަންތާނގައި ނިދާ މައްސަލައެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.

އެ އިދާރާ އިން ބުނީ އެއީ ކްއިޕިން ފެންގް ކިޔާ ޗައިނާގެ 33 އަހަރުގެ އަންހެނެއް ކަމަށެވެ. އެ މީހާ އިމްގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ވިޔަފާރިކޮށް، އެކި ތަންތަނުގައި ނިދާފައި އޮންނަ ޝަކުވާތަކާ ގުޅިގެންނެވެ.

ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ އިރު، އަތުލައިގަންމަ މީހުންގެ ތެރޭގައި ވިސާއާ ހިލާފުވާ މީހުން ވެސް ގިނަ އެވެ. އެހެންވެ އިމިގްރޭޝަނުން ވަނީ ވިސާއާ ހިލާފުވާ ނަމަ ހަރުކަށި ފިޔަވަޅު އަޅަން ނިންމައިފަ އެވެ.

ޗައިނާގެ ޓޫރިސްޓަކުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދަނިކޮށް އަތުލައިގަތް އިރު، އެ ގައުމަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މިހާތަނަށް 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޗައިނާ އިން އައިސްފައިވެ އެވެ.