Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

މަސްވެރިންގެ އަގުވަޒަން ކުރުމަކީ ގައުމީ ވާޖިބެއް

ދިވެހި މަސްވެރިންގެ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސް ވިދާޅުވީ އައްވާއި ވާރޭގައި ދުވާލާއި ރޭގަނޑު ކަނޑުތަކުުގައި ދިވެހި މަސްވެރިން ކުރާ ހިންމަތުގެ އަގު އިހުތިރާމާ އެކީ ވަޒަން ކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.

މަސްވެރިންގެ މަސައްކަތް ރައީސް ފާހަގަކުރެއްވި އިރު، މަސްވެެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެވޭނެ އިންތިޒާމާއި އެސްޓީއޯ ރޭޓުން ރާއްޖޭގެ ހަތަރު ރަށަކުން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

މި ސަރުކާރުން އަންނަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރާ އިރު، މި ދުވަހާ ގުޅުވައިގެން ތަފާތު ހަރަކާތްތައް ހިންގަން ހަމަހޖެހިފައިވެ އެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ހަމަޖެހިފައި ވަނީ މާލޭގަ އެވެ. މި ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާގައި މަސްވެރިންނަށް އެވޯޑް ވެސް ދޭނެ އެވެ.