ކުރީގެ ރައީސް އަމީންދީދީ އަށް ހެދި ގޮތް "ހަދަން ޖެހޭ" ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ޓެރަރިޒަމަށް 'ހިތްވަރު ލިބޭ ގޮތަށް" ދެއްކި ވާހަކައާ ގުޅިގެން މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މިދިޔަ ހަފުތާގައި ކުޅުދުފުއްފުށީގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓަކު އަމީންދީދީ އާއި ރައީސް މުއިއްޒާ ގުޅުވައި ދެއްކި ވާހަކަ އާއި އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ ވާހަކަ ދިފާއި ކުރެއްވި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން މުފީދެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ އެމްޑީޕީގެ އެކި ޕޯޑިއަމްތަކުގައި ޓެރަރިޒަމަށް ހިތްވަރުދީ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރުމަށް ގޮވާލާފައިވެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ މުފީދު ވިދާޅުވީ އެމްޑީޕީން ޕޯޑިއަމްތަކުގައި ދައްކާފައިވާ ވާހަކަތަަކަކީ ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށާއި އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި އެެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުމުގެ މަގުސަދުގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
މުފީދު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލަައިގެންފައި ވަނީ 44 މެންބަރުންގެ ވޯޓުންނެވެ. މައްސަލައާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ 8 މެންބަރެެވެ.
ކުޅުދުއްފުށީ އެމްޑީޕީ ޖަލްސާގައި އެކްޓިވިސްޓަކު ރައީސް "އިންޒާރު ދިން" މައްސަލަ ބަލަމުން އަންނަ ފުލުހުން ކުރިން ބުނެފައިވެ އެވެ.
އެމްޑީޕީން އަންނަނީ މިރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. އެ އެއްވުން ބާއްވަނީ "ގާނޫނުއަަސާސީގެ ދިފާއުގައި" ނަމުގަ އެވެ.