Last Updated: June 12, 17:14
Friday, June 12, 2026
ސިއްހަތު

"ދި ކްލިނިކް" ގެ ބްރާންޗެއް ހިތަދޫގައި ހުޅުވައިފި

"ދި ކްލިނިކް" ގެ ނަމުގައި މާލޭގައި ކްލިނިކެެއް ހިންގަމުން އަންނަ ކްލިނިކްގެ ބްރާންޗެއް ސ. ހިތަދޫގައި ހުޅުވައިފި އެވެ.

ހިތަދޫގައި ކުރިން ވެސް "އަ ކްލިނިކް" ގެ ނަމުގައި ކްލިނިކެއް ހިންގި އެ ރަށު ދަނބުވިލާގައި ހުޅުވާފައިވާ ކްލިނިކްގައި ބަލި މީހުންނަށް ފަރުވާ ދެނީ މާލޭގެ "ދި ކްލިނިކް ގައި ވެސް މަސައްކަތް ކުރައްވާ ޑޮކްޓަރުން ކަމަށް "ދި ކްލިނިކް" އިން ބުންޏެވެ.

އެ ކްލިނިކުން ބުނީ އަލަަށް ހުޅުވައި ހިދުމަތް ދޭން ފަށާ އިރު ފުރަތަމަކޮޅު ހިދުމަތް ދޭނީ ހަމައެކަނި ހަފްތާ ބަންދުގައި ޑޮކްޓަރުން ގެނެސް ކަމަށެވެ.

ހިތަދޫގައި ހުޅުވާާފައިވާ ކްލިނިކްގައި މި ހަފުތާ ބަންދުގައި ބަލި މީހުންނަށް ފަރުވާ ދެއްވުމަށް އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޑރ. މަލަކާ ޝާފިއު އާއި ކަށީގެ ޚާއްޞަ ޑރ. މުހައްމަދު ހަބީބު ގެ އިތުރުން ހިތުގެ ޚާއްޞަ ޑރ. މޫސާ މަނިކު އިބްރާހިމް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ވެސް އެކިއެކި ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން ދަތުގެ ޑޮކްޓަރަކު ވެސް އެ ކްލިނިކްގައި ވަރަށް އަވަހަށް ފަރުވާ ދޭން ފަށާނެ ކަމަށްވެސް އެ ކްލިނިކުން ބުންޏެވެ.

"ދި ކްލިނިކް" އިން ބުނީ ހިތަދޫގައި ހުޅުވި ކްލިނިކްގެ މަސައްކަތް އެއްކޮށް ނިމި، ރަސްމީކޮށް ޚިދުމަތް ދޭން ފެށުމާ އެކު އެ ތަނުގައި ފާމަސީއެއް ވެސް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެތަނުގައި ފުލްޓައިމް ޑޮކްޓަރުން ވެސް ތިބޭނެ ކަމަށް ބުންޏެވެ.

ޑޮކްޓަރަށް ދެއްކެވުމަށާއި އެޕޮއިންޓްމެންޓް ހެދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 744844 އަދި 3334888 އެވެ.

ދާދި ފަހުން ހިތަދޫގައި ވަނީ އެފްއެންޑްސީގެ ކްލިނިކެއް ވެސް ހުޅުވައި ހިދުމަތް ދޭން ފަށައިފަ އެވެ.