Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

އެމްޑީޕީގެ މިރޭގެ ޖަލްސާ އަށް މަސްވެރިންނަށް ދައުވަތު

"ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި މަސްވެރިން ބައިވެރިވާން އެ ޕާޓީން ދައުވަތު ދީފި އެވެ.

މިއަދު މަސްވެރިންގެ ދުވަސް ވެސް ފާހަގަކުރަމުން އަންނާތީ އެމްޑީޕީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ތަހުނިޔާ އަރިސްކޮށްފަ އެވެ.

"[އަދި] ސަރުކާރާ މެދު އޮތް ހިތްހަމަނުޖެހުންތަކުގެ އަޑު އިއްވުމަށް މިރޭ ކާނިވާ ސަރަހައްދުގައި އޮންނަ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވަން." އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން މިރޭގެ ހަރަކާތަކީ ދުރާލައި ވަރަށް ބޮޑަށް ތައްޔާރުވެ، ވަރަށް ބޮޑަށް ޕްރޮމޯޓްކޮށް ބާއްވާ ހަރަކާތެކެވެ. އެގޮތުން ވީހާ ވެސް ގިނަ ބަޔަކު މިރޭގެ ޖަލްސާގައި ބައިވެރިވާން އެދިފައިވެ އެވެ.

މި ހަރަކާތް ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެންބަރުންނާއި ބައެއް އާންމު މެންބަރުން ވެސް ސިފަކުރަނީ ގައުމު ހަލަބޮލި ކުރަން ރާވާކަމެއްގެ ގޮތުގަ އެެވެ. އަދި އެކަމަށް ފުރުސަތު ނުދޭނެ ކަމަށް އަންނަނީ ބުނަމުންނެވެ.