Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

އެމްޑީޕީގެ ވެރިން ހައްޔަރު ކުރަން ގޮވާލައިފި

ޓެރަރިޒަމް ހިތްވަރު ދޭ ކަމަށް ބުނެ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ވެރިން ހައްޔަރުކޮށް، އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރުން އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.

ކުރީގެ ރައީސް އަމީންދީދީ "ހަވަރަށް ދިން ގޮތަށް" މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ހަދަން ޖެހޭ ކަމަށް ދޭޖަވާ ގޮތަށް އެމްޑީޕީން ވާހަކަތަކެއް ދައްކާފައިވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް މިއަދު ހުށަހެޅު ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ އެމްޑީޕީގެ ތާރީހަށް ބަލާ އިރު ވެސް އެ އަނިޔާވެރި މާޒީއެއް އޮތް ޕާޓީއެއް ކަމަށް ވިދާޅުވެފަ އެވެ.

އަޒާން ވިދާޅުވީ ރައީސް އަމީން އަވަހާރަކޮށްލުމަކީ އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ދެރައެއް ދެއްވައިގެން ހިނގި ކަމެއް ބޫން ކަމަށާއި އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައިގެން ބަޔަކު ރައްޔިތުން ލައްވައި ހިންގުވި އަނިޔާވެރި އަމަލެއް ކަމަށެވެ.

އެކަމަކު އެކަމާ ގުޅުވައި މިހާރު އިވެމުންދާ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު އެމްޑީޕީން، އެއިރު އަމީނާމެދު ހިނގި ފަދަ ކަމެއް އަލުން ހިންގުމަށް ރާވަމުންދަނީތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ. އަދި އެ ނިޔަތް އެ ޕާޓީގައި އޮތްކަން ނުވަތަ ނޫންކަން ބެލުމަށް ތަހުގީގެއް ކުރަންޖެހޭ ކަމަށް ވެސްވިދާޅުވި އެވެ.

"އެމްޑީޕީން ވެރިކަމުގެ ދަހިވެތިކަމުގައި ހަމަ އެފަދަ ކަމެއް ކުރަން ރާވަނީ ބާއޭ އަޅުގަނޑު ހިތަށް އަރާ. ހަމަ އަސްލު ވެސް އެ ބޭފުޅުން ގެނެސް ތަހުގީގު ކުރަން ޖެހޭ ވަރުގެ ސީރިއަސް މައްސަލައެއް މިއީ،" މިދިޔަ ހަފުތާގައި ކުޅުދުއްފުށީގައި އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ އަށް އިޝާރާތް ކުރައްވައި އަޒާން ވިދާޅުވި އެވެ. "އެމްޑީޕީގެ އެކްޓިވިސްޓުން މިވާހަކަ އެބަދައްކާ. އެމްޑީޕީގެ ޗެއާޕާސަން އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށްވުމަށް މަސައްކަތްކުރައްވާ ބޭފުޅަކު އެ ވާހަކަ ދައްކަވާ،"

އޭނަ ވިދާޅުވީ އެމްޑީޕީ އަކީ އަނިޔާވެރި މާޒީއެއް އޮތް ހަރުކަށި ފިކުރުގެ ޕާޓީއެއް ކަމަށެވެ. އެ ޕާޓީގެ ފުރަތަމަ ވެރިކަން ނިމުމަށް ފަހު ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން ދަންޖައްސައި މެރުމަށް ވެސް ގޮވައިލި ކަމަށާއި، އަދި އޭގެ ފަހުން ރައްޔިތުންގެ މުދަލާއި ފުރާނައަށް އެތައް ގެއްލުމެއް ދީ ޓެރަރިޒަމުގެ އެތައް އަމަލެއް ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން އަންނަނީ "ގާނޫނުއަސާސީގެ ދިފާއުގައި" ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް މިރޭ ބާއްވަމުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން މިކަން ސިފަކުރަނީ ގައުމު ހަލަބޮލި ކުރަން ރާވާކަމެއްގެ ގޮތުގަ އެވެ.