Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ފުވައްމުލަކު ޑްރަގް ބޮޑުންތަކެއް ހައްޔަރަށް

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ ފުވައްމުލައް، ދޫނޑިގަން، ކަރަންކާ ވިލާ، އަހްމަދު ނިއުޝާދު، 34 އާއި އެ އަވަށު، ޒަމާނީގެ، ހަސަން އާޒިމް، 29 ކަމަށެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް ކުރެވުނު މަސައްކަތުންނާއި ހިންގުނު ތަހުގީގު ތަކުން، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކާއި އެ ފަރާތްތަކަށް އެހީތެރިވާ ފަރާތްތައް ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެގޮތުން ތަހުގީގަށް ހޯދުނު ގޮތުގައި ފާއިތުވި ފަސް އަހަރު ތެރޭގައި ނިއުޝާދުގެ ބޭންކް އެކައުންޓު މެދުވެރިކޮށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށާއި އާޒިމްގެ ބޭންކް އެކައުންޓު މެދުވެރިކޮށް ފާއިތުވި ދެ އަހަރު ތެރޭގައި ހަތް މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލައާ ގުޅިގެން 21 މީހަކާއި ދެ ކުންފުންޏެއްގެ އެކައުންޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި، އެ ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ފުވައްމުލަކުގައި ހިންގ "އޮޕަރޭޝަން ވެށި ރައްކަލް" ގެ ދަށުން މިހާތަނަށް 4،048 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވައި ސުވާލު ކުރުމުގެ އިތުރުން 58 މީހުން ވަނީ ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 58 މީހުންގެ މައްޗަށް ކުރެވޭ 75 މައްސަލައެއް ތަހުގީގުކޮށް، 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.