ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ބޮޑު ދޮގުވެރިއެއް ކަމަށާއި ރައްޔިތުންނަށް ދޮގު ހަދައި އޮޅުވައިލާ ނަމަ ކުރަންްވީ ކަމަކީ ނުކުމެ ސަރުކާރުން ވައްޓާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި" ގެ ނަމުގައި އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އޭނަ ވިދާޅުވީ ވެރިކަމުގައި ހުރި މީހަކީ ދޮގުވެރިއެއް ކަމަށް ރައްޔިތުން ނިންމުމުން އެ ވެރިއަކު ވެރިކަމުން ބާލަން ޖެހޭ ކަމަށެވެ.
އޭނަ ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ 2،000 ސިފައިން ތިބި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ރައްޔިތުންނަށް އޮޅުވާލެއްވި ކަމަށާއި
ރާއްޖޭގެ ދެކުނުން ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހޯއްދަވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އޮޅުވާލައްވައި ކަމަށާއި ގޯތިތައް ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވެ ހެއްދެވީ ދޮގު ކަމަށެވެ.
"[އެހެންވީމަ] ދެން އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ އެއީ ދޮގުވެރިޔެއް ކަމަށް ރައްޔިތުން ނިންމީމާ އޭނާ ވެރިކަމުން ބާލަން ޖެހޭނީ." މަޓޭ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ ވެރިކަން ވެސް ދައުރު ހަމަވުމުގެ ކުރިން ރައްޔިތުން ނިކުމެ ވައްޓާލި ކަމަށާއި އެގޮތަށް ވެރިކަން ވައްޓާލުމުން ރައްޔިތުން ކުށްވެރި ވެސް ނުވާ ކަަމަށެވެ. އެހެންވެ ރާއްޖޭގައި ވެސް އެގޮތަށް ކަންކަން ހިނގަން ޖެހޭ ކަމަށް މަޓޭ ވިދާޅުވި އެވެ.
އެގޮތުން ދާދި ފަހުން ސްރީ ލަންކާ އާއި ބަންގްލަދޭޝްގެ އިތުރުން މި ހަފުތާގެ ތެރޭގައި ސީރިއާގެ ވެރިކަން ވެސް ބަދަލުކޮށް ރައްޔިތުން ތިބީ ގަދަކޮށް ކަމަށް ވިދާޅުވި އެވެ.
"މި ރާއްޖޭގައި ވެސް ދައުރު ހަމަވާކަށް ނުޖެހޭ. ގާނޫނުއަސާސީ ފުނޑާލީމާ ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލަން ޖެހޭ. ބަދަލުކުރަން ޖެހޭ. ނުކުންނަންވީ،" މަޓޭ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ދިގު ދެމިގެންވާ މުޒާހަރާއެއް އެބަ އޮތް ކަމަށާއި އެކަމަށް ރައްޔިތުން ތައްޔާރުވުމަށް ވެސް ގޮވާލައްވައިފަ އެވެ.