ރާއްޖޭގައި ސްޕޯޓްސް ފިޝިން ވަރަށް ބޮޑަށް ކުރިއަރުވާނެ ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ހާއްސަ ވައުދެއް ކަމަށް ވެސް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވި މަސް ރޭސް ނިންމައިލުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސްޕޯޓްސް ފިޝިން އަށް ހާއްސަކޮށްގެން ރާއްޖޭގައި ފަސް ބަނދަރެއް ތަރައްގީ ކުރަން ނިންމީ ވެސް އެކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭތީ ކަމަށެވެ.
ޝިޔާމު ވިދާޅުވީ މިކަން ކުރިއަރުވައިފި ނަމަ މިއީ ރާއްޖޭގެ އިގުތިސާދަށް ވެސް ވަރަށް ފައިދާ ހުރި ކަމަކަށްވެފައި މަސްވެރިކަމުގެ ދާއިރާ ސިންދަފާތު ކުރަން ކުރެވޭ މަސައްކަތްތަކަށް ވެސް މުހިއްމު ފިޔަވަޅަކަށް ވާނެ އެވެ. ސްޕޯޓްސް ފިޝިން އަށް ސަރަހައްދުތަކެއް ތަރައްގީ ކުރުމާ ގުޅޭ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ފިޝަރީޒް މިނިސްޓްރީން ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާތަކެއްކޮށް، ލަފާތަކެއް ހޯދި އެވެ.
"އަޅުގަނޑުމެން މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަންތަން އައިޑެންޓިފައިކޮށްފައި. އިރާދަކުރެއްވިއްޔާ މި ހާބަރުތައް ތަރައްޤީ ވެގެންދާއިރު މިގޮތައް ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ލޯކަލް ސްޕޯޓްސް ފިޝިންގެ ކޮމިއުނިޓީއަށް ފައިދާތަކެއް ވާނެ،" މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ. "މީގެ އިތުރުން ރާއްޖެއަކީ ހަމައެކަނި ގުދުރަތީ ރީތި މި ސަންޝައިން ބީޗްސްގެ އިތުރުން ރާއްޖެ އަށް ފަރުމަސްވެރިކަން ކުރަން މިހާރު ވެސް ފަތުރުވެރިން އާދޭ."
ޝިޔާމު ވިދާޅުވީ ސްޕޯޓްސް ފިޝިން އަށް ހާއްސަ ހާބަރުތަކެއް ހަދައި ވަސީލްތަކެއް ގާއިމު ކުރުމުން ދުނިޔޭގެ ސަމާލުކަން ރާއްޖޭގެ ސްޕޯޓްސް ފިޝިން އަށް އިތުރަށް ލިބޭނެ ކަމަށެވެ.
"ހާބަރުތައް ތަރައްގީކުރެވުނީމަ ފަތުރުވެރިން އިތުރުވެ މި ކޮމްޕޯނެންޓަކީ ރާއްޖޭގެ އިކޮނޮމީ އަށް އެހީތެރިވެދޭނެ ސެކްޓާއަކަށް ވެގެން ދާނެ." އޭނަ ވިދާޅުވި އެވެ.