Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ގޯލްޑް ކަޕް: އައްޑު އާއި މީދު އަށް އެއްވަރު

އައްޑު އާއި މީދޫ އިއްޔެ ބައްދަލުކުރި މެޗްގެ ތެރެއިން. ފޮޓޯ/ ވަގުތު

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އައްޑު ދ. މީދޫ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ޖީގެ މެޗު ނިމުނީ 3-3 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަރަށް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އިރު، މެޗުގެ ކުރީކޮޅު އައްޑޫން މެޗްގެ ލީޑް ނެގި އެވެ. އެގޮތުން މެޗްގެ 7 ވަނަ މިނެޓުގައި އައްޑު އަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ.

އިއްޔެގެ މި މެޗަކީ ގޯލްޑް ކަޕްގައި އައްޑު އަށް އޭނަ ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ 60 ވަނަ މިނެޓުގައި އައްޑޫން އިތުރު ލަނޑެއް ޖަހައި މެޗް ލީޑު ފުޅާކުރި އެވެ. އެ ގޯލް ކާމިޔާބުކޮށް ދިނީ އިސްމާޢީލް އީސައެވެ. ނަމަވެސް އައްޑޫ ޓީމުން ދެވަނަ ލަނޑު ކާމިޔާބުކުރިތާ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން އިބްރާހީމް އިމްރާން މީދުއަށް ފަރަގު ކުޑަކޮށް، އަނެއްކާ އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، މީދުއަށް ނަތީޖާ އެއްވަރުކޮށް ދިނެވެ. ފަ

އައްޑޫން މެޗްގެ އަލުން ލީޑު ނެގީ މެޗުގެ 79 ވަނަ މިނެޓުގަ އެވެ. އެގޮތުބް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ތިން ވަނަ ލަނޑު ޓީމަށް ކާމިޔާބުކޮށް ދިނީ އަލީ ނާފިއު އެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށް އިމްރާން ވަނީ މެޗުގައި ހެޓްރިކް ހަދައި، މި މެޗުން މީދުއަށް ޕޮއިންޓެއް ހޯދައިދީ އެއްވަރުކޮށްފަ އެވެ.

ގޯލްޑް ކަޕްގައި އައްޑޫން މިހާތަނަށް ހަތަރު މެޗް ކުޅުނު އިރު، ތިން މެޗް ނިންމައިލަން ޖެހުނީ އެއްވަރުވެގެންކަން ފާހަގަކޮށްލަން ޖެހެ އެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި 12 ޓީމެއް ހިމެނޭ އިރު، ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފަ އެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ އިރު، އެ ގްރޫޕުތަކުން އެންމެ ކުރީގައި ނިންމާ ދެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނެ އެވެ.

ޖުމްލަ 17 ޓީމް ވާދަކުރާ ގޯލްޑް ކަޕް ފެށީ މިދިޔަ މަހުގެ 20 ގަ އެވެ. މުބާރާތް ނިންމައިލާނީ މި މަހުގެ 25 ގަ އެވެެ.