Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ގާނޫނުއަސާސީއަށް ގެނައި ބަދަލާ ދެކޮޅަށް ޕެޓިޝަނެއް

"ރެކޯޑް މުއްދަތެއްގައި" ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ޕެޓިޝަނެއް ފާސްކޮށްފި އެވެ.

އެ ޕެޓިޝަން ފާސްކުރީ އެ ޕާޓީން ރޭ މާލޭެ ކާނިވާ ސަރަހައްދުގައި "ގާނޫނުއަސާސީގެ ދިފާއުގައި" ގެ ނަމުގައި ބޭއްވި ޖަލްސާގަ އެވެ. ޕެޓިޝަން ފާސްކުރީ ގައުމީ މަޖިލީހުގައި ބައިވެރިވި 89 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ޕެޓިޝަން ހުށަހަޅުއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވީ އެ ޕެޓިޝަނުގައި ސޮއި ކުރުމުން މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ. އެހެންވެ ވީހާ ވެސް ގިނަ ބަޔަކު އޭގައި ސޮއި ކުރަން އެދިވަޑައިގަތެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ ބާރު ކެނޑޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ ރައްޔިތުންގެ ހިޔާލެއް ހޯދުމެއް ނެތި ގެނައި ބަދަލަކަށްވާތީ އޭގެ ސަބަބުން ވެރިކަމުގެ ނިޒާމު މަސްހުނި ނިޒާމަކަށް ބަދަލުވެ، ރައްޔިތުން ނިންމި ނިންމުން ރޫޅިގެން ދާނެ ކަމަށެވެ.

"ރައްޔިތުންގެ ރުހުމެއްނެތި ގާނޫނު އަސާސީއަށް މި ގެނައި ބަދަލު ބާތިލުކުރުމަށާއި، ރައްޔިތުންގެ ބާރުވެރިކަން ނިގުޅިގެން ހިނގައިދާނޭފަދަ ހަމަ އެއްވެސް ކަމެއް ނުކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާއިން އައުދާނަކަމާއި ބާރުވެރިކަން ލިބި ތިބި ރައްޔިތުންގެ ހައިސިއްޔަތުން ރައްޔިތުންގެ މަންދޫބުންނަށާއި ދިވެހިރާއްޖޭގެ ވެރިކަން ހިންގުމަށް ދިވެހިރައްޔިތުން މަތިކޮށްފައިވާ ރައްޔިތުންގެ ހާދިމު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް އަންގައި އަމުރުކުރަން. ޕެޓިޝަންގައިވެ އެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން، އެ މެންބަރުންގެ މަސައްކަތުގެ އަސާސް ބިނާކުރަން ޖެހެނީ މުޅި ގައުމުގެ މަސްލަތަށްކަމަށް ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައި އޮތް ހިނދު، އެ މެންބަރު ނިސްބަތްވާ ސިޔާސީ ޕާޓީން ބޭނުންވާ ގޮތަށް އަމަލުކުރުން މަޖުބޫރުކުރުވުން އެ މާއްދާއާ ހިލާފެވެ. އަދި
މަޖިލީހުގެ މެންބަރަކު އެ މަޖިލީހުގައި ދެއްކި ވާހަކައެއްގެ ސަބަބުން ނުވަތަ ވޯޓުދިން ގޮތެއްގެ ސަބަބުން އެ މެންބަރެއްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް ޕެޓިޝަންގައި ބުންޏެވެ.

އެގޮތުން ޕެޓިޝަންގައި މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރުމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ އޮނިގަނޑާ ވެސް ހިލާފު ކަމެއް ކަމަށެވެ.