Last Updated: May 12, 17:05
Monday, May 12, 2025
ޚަބަރު

އައްޑޫގެ 3 ސްކޫލެއްގައި ޓްރެފިކް ސެޝަންތަކެއް

އައްޑޫގެ ތިން ސްކޫލެއްގެ ގާލްގައިޑު ދަރިވަރުންނަށް ޓްރެފިކް އެޑިޔުކޭޝަން ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ފޭދޫ ސްކޫލާއި ހިތަދޫގެ ސްކޫލުގެ އިތުރުން މަރަދޫ އިރުޝާދިއްޔާ ސްކޫލުގެ ގާލްގައިޑުންނަށެވެ.

މި ސެޝަނުގައި ޓްރެފިކް އާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އެގޮތުން، އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބުތަކާ އަދި މަގުމަތީގައި އުޅޭ އިރު ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވެން ހުރި ކަންކަމުގެ އިތުރުން ބައިސްކަލު ދުއްވާއިރު ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން، ޓްރެފިކް ނިޝާންތަކުން އަންގައިދޭ ކަންކަމާއި ޓްރެފިކް ނިޝާންތަކަށް ބެލުމެއްނެތި އުޅަނދު ދުއްވުމުން ނުކުމެދާނެ ނަތީޖާތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މި ސެޝަންގައި ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށް ދިނީ ގަން ޕޮލިސްގެ ރެސްޕޮންސް އެންޑް ޕެޓްރޯލްގެ ފުލުހުންނެވެ.