Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އުރީދޫން ހައްޖު ކޯޕަރޭޝަންގައި ކޮންޓެކްޓް ސެންޓަރެއް

ޙައްޖު ކޯޕަރޭޝަންގައި ޒަމާނީ ކޮންޓެކްޓް ސެންޓަ ސޮލިއުޝަނެއް އުރީދޫން ގާއިމުކޮށް ދީފި އެވެ.

ހައްޖު ކޯޕަރޭޝަމުން ބުނީ މިއީ ކަސްޓަމަރުންނަށް ދެމުން އަންނަ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޙައްޖާޖީންނާއި އުމްރާވެރިންނާ މެދުނުކެނޑި މުޢާމަލާތް ކުރުމާއި، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށް ދިނުމަށް ގާއިމުކުރި ސެންޓަރެއް ކަމަށެވެ.

މި ސެންޓަރުގެ ޚިދުމަތްތަކުގެ ތެރޭގައި ކޯލް ކިއުކުރުމާއި، ސްކިލް ބޭސްޑް ރޫޓިން އާއި ރިއަލް ޓައިމް މޮނިޓަރިން އަދި ކޯލް ރެކޯޑިން ހިމެނެ އެވެ.

އުރީދޫން ބުނީ އެ ސެންޓަރުން ހައްޖު ކޯޕަރޭޝަނަށް ކަސްޓަމަރުންގެ އިންކުއަރީތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، ހިދުމަތުގެ ފެންވަރު ރަނގަޅު ގޮތުގައި ހިފެހެއްޓުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ/އެމްޑީ ހާލިދު ޙަމާދީ ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ދާ ފަރާތްތަކަށް ފުރިހަމަ ގޮތުގައި ޚިދުމަތް ދިނުމަށް ކުރަމުން އަން މަސައްކަތުގައި އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ މި އަލަށް ގާއިމުކުރި ކޮންޓެކްޓް ސެންޓަ ސޮލިއުޝަން ގެނައުމަކީ ޙައްޖުވެރިންނަށް މެދުނުކެނޑި، ހަރުދަނާ އަދި ފަސޭހަ ޚިދުމަތެއް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އުރީދޫުއާ ގުޅިގެން އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ހިދުމަތުގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ އަދި ރޫހާނީ ފޭރާން ހަރުދަނާ ކުރުން." އޭނަ ވިދާޅުވި އެވެ.