Last Updated: May 4, 23:02
Sunday, May 4, 2025
ޚަބަރު

ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަނީ

ކުރިއަށް އޮތް ރޯދަ މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހު މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިގޮތުން މާލޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމު ފުރިހަމަކޮށް ލިޔުންތަކާއެކު އަންނަ މަހުގެ 20 ގެ ކުރިން ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. އަދި ރަށްރަށުގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމާއި ލިޔުންތަކާއެކު އަންނަ މަހުގެ 6 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އަދި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.

މިނިސްޓްރީން ބުނީ ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް 500ރ. ގެ މަގުން ކަމަށާއި މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި ދެ ހާފިޒުންނަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހުއްދަ ދެވޭނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް މިނިސްޓްރީ އަށް ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީން ބުނެ އެވެ.