Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ވެރިންނަށް ވިސާއާ ނުލައި އޮމާނަށް ދެވޭ ގޮތް ހަދައިފި

ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި އޮމާނަށް ދަތުރުކުރެވޭ އެއްބަސްވުމެއްގައި އެގައުމާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު އޮމާނަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ހާރިޖީ ވަޒީރު ސައްޔިދް ބަދުރު އަލްބުސައިދީއާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ރާއްޖެ އާއި އޮމާންއާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެއީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންއާއި ޑިޕްލޮމެޓިކްއާއި ސްޕެޝަލް، ސާސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަންއާ ބެހޭ އެއްބަސްވުމެކެވެ.

ޑިޕްލޮމެޓިކް އާއި ސްޕެޝަލް ސާވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަން އެގްރިމަންޓްގެ އިތުރުން އޯޑިނަރީ ޕާސްޕޯޓަށްވެސް ވިސާ އިސްތިސްނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެކަމާ ގުޅޭ އެއްބަސްވުން އޮމާން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ދިވެހިންނަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވެނީ ހާއްސަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވަކި ގައުމުތަކެއްގެ ވިސާ އޮތުން ހިމެނެ އެވެ.