Last Updated: July 19, 05:51
Saturday, July 19, 2025
ކުޅިވަރު

ޔުވެންޓަސް އަތުން ބަލިވެ ސިޓީ އަށް ހާސްކަން

ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސް އަތުން 2-0 އިން ބަލިވެ މެންޗެސްޓާ ސިޓީ ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ލީގު އުސޫލުން ކުރިއަށްދާ ޗެމްޕިއަންސް ލީގުގައި މިފަހަރު 36 ޓީމެއް ވާދަކުރާއިރު، ކޮންމެ ޓީމަކުން ވެސް ޖުމްލަ އަށް މެޗު ކުޅޭނެ އެވެ. ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ގަދަ އަށް ޓީމު މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރާނެ އެވެ.

އަދި ނުވަ ވަނައިން ފެށިގެން 24 ވަނަ އާ ދެމެދުގައި ހިމެނޭ ޓީމުތައް ދެވަނަ ބުރަށް ދިޔުމަށް ކުޅޭނީ ޕްލޭއޮފް ބުރެކެވެ. އޭގެެއިން މޮޅުވާ އަށް ޓީމަކަށް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.

ރޭގެ މެޗުން ބަލިވުމުން ސިޓީ މިވަގުތު އޮތީ ހަ މެޗުން ލިބުނު 8 ޕޮއިންޓާ އެކު ތާވަލުގެ 22 ވަނަ މަގާމުގަ އެވެ. ލީގު ބުރުގައި ސިޓީ އަށް ދެން ބާކީ އޮތީ ދެ މެޗެވެ. އޭގެތެރެއިން އެއް މެޗުގައި ސިޓީ ބައްދަލުކުރާނީ 7 ޕޮއިންޓާ އެކު 25 ވަނައިގައި އޮތް ޕީއެސްޖީއާ އެވެ. އަނެއް މެޗުގައި ސިޓީ ނިކުންނާނީ ކްލަބް ބްރޫޖްއާ ދެކޮޅަށެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ލީޑު ނަގަން ސިޓީގެ ފޯވާޑް އާލިން ހާލަންޑަށް ހުސް ފުރުސަތެއް ލިބިފައިވެ އެވެ. ނަމަވެސް ހާލަންޑް ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ކީޕަރު ޑި ގްރެގޯރިއޯ ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ޔުވެންޓަސް އަށް މެޗުގެ 52 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑުސާން ވްލަހޮވިޗް އެވެ. މިއީ ކެނާން ޔިލްޑިޒް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 74 ވަނަ މިނެޓްގައި ސިޓީގެ އޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއެއް ގޯލަށް ވައްދާލައިގެން ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސްޓަން މެކެނީ އެވެ.

ޔުވެންޓަސް އަތުން ސިޓީ ބަލިވިއިރު، އެންމެފަހުން ކުޅުނު 10 މެޗުގެ ތެރެއިން ސިޓީ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.