ދައުލަތުގެ މީޑިއާ ޕީއެސްއެމުންނ ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަދަލުތަކެއް ގެނައި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ. އޭނަ ހުށަހެޅި މައްސަަލަ ބަލައިގަތީ 70 މެންބަރުންގެ އިއްތިފާގުންނެވެ.
މައުރޫފު ހުށަހެޅި މައްސަލައިގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ކުއްލި މައްސަލައެއް މިއަދު ހުށަހެޅުއްވި އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެއް މައްސަލައަށް ވުރެ ގިނަ މައްސަލަ ޖަލްސާއަަކަށް ހުށަހަޅައިފި ނަމަ ގުރުއަތުން އެއް މައްސަލަ ނަގަން ޖެހެ އެވެ.
އެގޮތުން ނެގީ މައުރޫފް ހުށަހެޅުއްވި މައްސަލަ އެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ ޚަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައި ދިނުމަކީ ޕީއެސްއެމަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށާއި ނަމަވެސް ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސް ޕީއެސްއެމްގެ ޗެނަލްތަކުން ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި ހަމަހަމަކަން ގާއިމުކުރުމަކީ ޕީއެސްއެމްގެ އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށާއި ހަމައެކަނި ފުރުސަތު ދެމުން ދަނީ ސަރުކާރުގެ ކަންކަމަށް އެކަނި ކަމަށް ވެސް މައުރޫފްގެ އެ މައްސަލާގައި ބުނެފައިވެ އެވެ.
އެހެންވެ ހުށަހެޅުއްވީ އެކަންކަމަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާ ފަދަ ބޮޑެތި ކަންކަމަށްވީ ހިނދު އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކަމަށް މައުރޫފް ވިދާޅުވި އެވެ.
ގުރުއާނަށް ބަދަލު ގެނެސް ގެނެސްދިން ކަމަށް ބުނާ މައްސަލައަކީ ރައީސް ޑރ. މުހަައްމަދު މުއިއްޒު މި ހަފުތާގައި އއ. އަތޮޅަށް ކުރެއްވި ދަތުރުގައި ރަސްދޫގައި ބޭއްވި ޖަލްސާ ފެށުމަށް ޤުރުއާން ކިޔެވިއިރު އެ އާޔަތުގައި ހިމެނޭ "ފާސިގު" ލަފްޒު އުނިވެފައިވާ ކަމަށް ބުނާ މައްސަލައެކެވެ.