Last Updated: May 12, 14:00
Monday, May 12, 2025
ޚަބަރު

އަލިފާން ރޯވުން: 50 މީހަކު އެހީތެރިކަމަށް އެދުނު

މިއަދު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން 50 މީހަކު އެހީތެރިކަމަށް އެދިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ އެ މީހުންގެ ރަޖިސްޓްރޭޝަން މިހާރު ވަނީ ހެދިފައި ކަމަށާއި އެފަރާތްތަކަށް ބޭނުންވާނެ ޒަރޫރީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ސޯޝަލް ސެންޓަރުގައި ހެދިފައިވާ އިވޭކުއޭޝަން ސަންޓަރު ތައްޔާރުކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އާއިލާތައް އެދުމުގެ މަތިން ވަގުތީ ގޮތުން އެފަރާތްތައް ތިމާގެ ގޭގެއަށް ބަދަލުވެފައިވާ ކަމަށާއި މިހާރު ގެއްލުން ލިބުނު އިމާރާތްތަކުގެ ރެޕިޑް އެސެސްމަންޓްއެއް ހަދަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެތަނުން ބުނީ އެ ތަންތަނަށް މީހުން ބަދަލުވާން ރައްކާތެރި ނަމަ އާއިލާތައް ބަދަލުކުރަން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ.

މާލޭގައި މިއަދު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގިނައިރުތަކެއްވެ، އިތުރު ދެ މިނިސްޓްރީއެއްގައި ވެސް ރޯވެ، އަލިފާން ފެތުރުމުންނެވެ. އެއީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެވެ.

މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހައުސިން މިނިސްޓްރީއަށެވެ. އެ މިނިސްޓްރީ ހިންގާ އިމާރާތް ވަނީ އަނދައި ހުލިވެފަ އެވެ.