Last Updated: March 29, 14:00
Friday, March 29, 2024
ދީން

ޝައްވާލުމަހުގެ ހަރޯދަ ހިފަންވާނީ ޤަޟާ ރޯދަ ތައް ހިފާ ނިންމާފަތަ؟ ރަނގަޅު ގޮތަކީ ކޮބާ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
ޝައްވާލް މަހުގެ ހަރޯދަ ގުޅިފައިވަނީ ރަމަޟާންމަހުގެ ރޯދަތައް ފުރިހަމަ ކުރުމާއެވެ. މިކަމުގެ ދަލީލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘް ފުޅެވެ. ( مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ ) ، رواه مسلم (1164). މާނައަކީ:

"ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާއި ގުޅުވައިގެން ޝައްވާލްމަހު ހަރޯދަ ހިފިމީހަކީ މުޅި އަހަރު ދުވަހު ރޯދަ ހިފި މީހެއް ފަދަ އެވެ". މި ޙަދީޘް ގައި މިވާ " ثُمَّ" ދަލީލުކޮށްދެނީ ކަމެއް ތަރްތީބުން ގުޅުމަށެވެ. އެހެންކަމުން ފުރަތަމަކަމަކަށް ރަމަޟާން މަހުގެ ރޯދަ ހިފާ ނިންމަން ޖެހެއެވެ. އަދާ އަށްވިޔަސް އަދި ގަޟާ އަށް ވިޔަސްމެއެވެ. ޝައްވާލް މަހުގެ ހަރޯދަ ހިފުން އޮތީ އޭގެ ފަހުންނެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ބައެއް ރޯދަ ގެއްލިފައިވާ މީހަކަށް ބުނެވޭނީ ރަމަޟާން މަހުގެ ބައެއްގައި ރޯދަ ހިފިކަމަށެވެ. މުޅި ރަމަޟާން މަހު ރޯދަ ހިފިކަމަކަށް ނުބުނެވޭނެއެވެ.

އަނެއްކޮޅުން ރަމަޟާން މަހުގެ ރޯދަ އަކީ ފަރްޟު ރޯދައެކެވެ. ﷲ އަށް އަދާ ކުރަން ޖެހޭ ދަރަންޏެކެވެ. ވީމާ، ﷲ ގެ ޙައްގުގައި އަދާ ކުރަން ޖެހިފައިވާ ދަރަނި އަދާ ކުރުމަކީ ސުންނަތް ރޯދަ ހިފުމަށްވުރެ މާ އައުލާކަން ބޮޑު ކަމެކެވެ.
ރަމަޟާން މަހުގައި ގެއްލިފައިވާ ރޯދަތަކެއް ޝައްވާލް މަހުގެ ތެރޭގައި ގަޟާ ކުރަން ޖެހުމުގެ ސަބަބުން. ޝައްވާލް މަހުގެ ހަރޯދަ ނުހިފިއްޖެމީހާ، މިޘާލަކަށް، ރަމަޟާން މަހުގެ ނިފާސް ކަމުން ޠާހިރު ނުވެ ހުރުމުގެ ސަބަބުން މުޅި ޝައްވާލު މަސް ހޭދަ ކުރަން ޖެހުނީ ރަމަޟާން މަހުގެ ގެއްލިފައިވާ ރޯދަތައް ގަޟާ ކުރުމަށް ކަމަށް ވަނީނަމަ، ޛުލްގަޢްދާ މަހުގައި ހަރޯދަ ހިފުމުން ފުދޭނެއެވެ. ސަބަބަކީ އޭނާ އަކީ ޢުޛުރުވެރި އަކަށް ވުމެވެ. ނަމަވެސް ޝައްވާލް މަސް ނިމުނު އިރުގައިވެސް ޢުޛުރެއްނެތި ފާއިތުވެފައިވާ ރޯދަތައް ގަޟާ ނުކުރާ މީހާ އަށް މިފުރުޞަތެއް ނެތެވެ. والله أعلم