Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

އައްޑޫގައި ހުރި އިންޖީނުތައް މާލެ ގެންދަން ސިފައިން އައިސްފި

އައްޑޫގެ ބޮޑު ބަޔަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގެ: ކަރަންޓްގެ ހާލަތު ވަރަށް ދަށް. ފޮޓޯ/ ފެނަކަ ކޯޕަރޭޝަން

އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި ހުރި 2 މެގަ ވޯޓް އިންޖީން މާލެ ގެންދިއުމަށް ދިވެހި ސިފައިން ފެނަކަ މަރުކަޒީ އިންޖީނުގެއަށް ގޮސްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނު މާލެ ގެންދިއުމަށް މިރޭ އެމްއެންޑީއެފްއިން ބާޖަކަށް އަރުވަން ދަނީ ތައްޔާރު ވަމުންނެވެ.

ސިފައިންގެ ބެލުމުގެ ދަށުން އައްޑޫއަށް ގެނެސްފައިވާ ދެ މެގަވޯޓް އިންޖީނު މާލެ ގެންދާއިރު މިދިޔަ ހަފްތާއިން ފެށިގެން އައްޑޫގެ ބައެއް ސަރަހައްދުތަކުން ދަނީ ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަމުންނެވެ.

އައްޑޫގެ ކަރަންޓްގެ ހާލަތު ވަރަށް ބޮޑަށް ދަށައް ގޮސް ދޭތެރެ ދޭތެރެއިން ކަރަންޓް ކަޑަން ޖެހުމާއި ގުޅިގެން ދެ މެގަ ވޯޓް އިންޖީނެއް ގެނައުމުގެ ވާހަކަ ފެނަކަ ކޯޕަރޭޝަނުން ދައްކާތާ ތިން އަހަރުވީ ފަހުން މި އިންޖީނު އައްޑޫއަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

މާލެއަށް ކަރަންޓް ދޭން ބޭނުންކުރާ އިންޖީނަކަށް މައްސަލަ ދިމާވެގެން އައްޑޫގައި ބޭނުން ކުރަން ގެނެސްފައިވާ އިންޖީނު ގެންދާއިރު، އައްޑޫގެ އެކި ތަން ތަނުގައި ހުރި މުދާވެސް ސަރުކާރުން ގެންދަނީ މާލެ ގެންނަމުންނެވެ.

އެގޮތުން އީސީސީގައި ހުރި ގޮޑު ފަރުނިޗަރު ފަދަ ތަކެތި މާލެ ގެންގޮސްފައިވާ އިރު އެފަދައިން ގެންނަ ސާމާން އަނބުރާ އައްޑޫއަށް ގެނެސްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.