Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސިޔާސީ މަސްރަހުގެ މައުލޫމާތު ދޭން ފައްޔާޒު ރާއްޖޭން ބޭރަށް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު ބައިނަލްއަގުވާމީ ފަރާތްތަކަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިންޑިއާ އާއި ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

އެމްޑީޕީން ބުނީ ފައްޔާޒުގެ މި ދަތުރުގައި އިންޑިއާ އާއި ޖަރުމަނުގައި ތިބި ބައިނަލްއަގުވާމީ އެކި ފަރާތްތަކަށް ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހުގެ މައުލޫމާތު އަރުވާނެ ކަމަށެވެ.

ފައްޔާޒު ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާއިރު، "ރެކޯޑް މުއްދަތެއްގައި" ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ގެނައި އިސްލާހުތަކާއި ދެކޮޅަށް އެމްޑީޕީން ވަނީ މިދިޔަ އަންގާރަ ދުވަހު މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ. އެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ފާސްކޮށްފަ އެވެ.

މަޖިލީހުން ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެއްގެ އިތުރުން ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހެކެވެ.

މި އިސްލާހުތަކާއި ދެކޮޅަށް ސަރުކާރާއި ވާދަވެރި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އިސްލާހުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.