ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ވަޔެކާނޯ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާއެކު ލީގުގެ ދެވަނައިގައި ރެއާލް އޮތީ 17 މެޗުން 37 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި 17 މެޗުން 38 ޕޮއިންޓު ހޯދައިގެން އޮތީ ބާސެލޯނާ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ 36 މިނެޓްތެރޭ ވަޔެކޯނާ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ވަޔެކާނޯގެ ފުރަތަމަ ގޯލު މެޗުގެ ހަތަރުވަނަ މިނެޓްގައި އުނާއި ލޮޕޭޒް ކާމިޔާބުކުރިއިރު، އެޓީމުގެ ދެވަނަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަބްދުލް މޫމިން އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލުން ވަނީ ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ދެ ގޯލު ރެއާލަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ވަލްވާޑޭ އާއި ޖޫޑް ބެލިންހަމް އެވެ. އަދި މެޗުގެ 56 ވަނަ މިނެޓްގައި ރޮޑްރިގޯ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނެޓްގައި އިސީ ޕަލަޒޮން ވަނީ ވަޔެކާނޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ރެއާލުން މެޗުގެ ފަހު 20 މިނެޓްތެރޭ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ އަލުން ލީޑު ނަގަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރެއާލަށް އިތުރު ގޯލެއް ކާމިޔާބު ކުރެވިފައި ނުވާއިރު، އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ވަޔެކާނޯގެ ގޯލްކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
ލީގުގައި ރެއާލުން ދެން ބައްދަލުކުރާނީ ސެވިއްޔާއާ އެވެ.