Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އާރްޓީއެލްގެ ހިދުމަތް އަރިއަތޮޅުގައި ފަށަން މަސައްކަތް ކުރަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް އަރިއަތޮޅުގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ސުކޫލުގައި ސޯލާ ހަރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް އދ ލޮނުބޯ، ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށާއި އަތޮޅުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ އަތޮޅުގައި ޕިކްނިކް ދާނެ ރަށްތައް މަދުކަން ފާހަގަކުރައްވައި އެކަން ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވަނީ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް އާރްޓީއެލްގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ. އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.