Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ އަމަލީ އަހަރެއް

ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ އަމަލީ މަސައްކަތް ފެންނާނެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. އޮމަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނިމިގެންދިޔަ އަހަރުތެރޭ ބަޖެޓުގެ ތެރެއިން ޖާގަ ނެތުމުގެ ސަބަބުން ބޭނުން ގޮތަށް ކަންކަން ނުކުރެވުނު ކަމަށާއި ނަމަވެސް ކުރިއަށް އޮތް އަހަރު ކަންކަން ތަފާތުވާނެ ކަމަށެވެ. އެގޮތުން އޮމަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް އެ ރަށުގައި ފުރިހަމަ ބަނދަރެއް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު ރަށް ގިރުމުގެ މައްސަލަ އަށް ވެސް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި މި ކަންކަން އަހަރުގެ އެންމެ ކުރީކޮޅު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ރަށުގެ ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލާއި ކްލާސްރޫމްތައް އަންނަ އަހަރު ހަދައިދޭނެ ކަމަށާއި، އެ ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގަ އާއި ވަސީލަތްތައް މި އަންނަ އަހަރު ހަމަކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

މީގެއިތުރުން ހާއްސަ އިސްކަމެއް ދީގެން އަންނަ އަހަރު އޮމަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ހޭންޑްބޯލް ކޯޓެއް ހަދައިދޭނެ ކަމަށާއި އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަންނަ އަހަރު ވެގެންދާނީ ނަތީޖާ ނެރެދިނުމުގެ އަމަލީ މަސައްކަތް ފެންނަ އަހަރަކަށް،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި މިހާތަނަށް 180 އަށް ވުރެ ގިނަ ކައުންސިލަކާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފަ އެވެ