އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިކުރިއިރު، ޗެލްސީން 2-1 އިން ބްރެންޓްފޯޑްގެ މައްޗަށް ކުރި ހޯދައި ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ފަރަގުކުޑަކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީން ވަނީ 16 މެޗުން 34 ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނައިގައި އޮތް އާސެނަލަށް 16 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 16 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ މި ވަގުތު ފަސް ވަނައިގައި އޮތީ 16 މެޗުން 27 ޕޮއިންޓާ އެކު އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 36 ވަނަ މިނެޓްގައި ޖޮސްކޯ ގްވާޑިއޯލްގެ ގޯލުން ސިޓީން ވަނީ ލީޑު ނަގާފަ އެވެ. މެޗުގެ ބޮޑުބައި ސިޓީން ލީޑުގައި އޮތްއިރު، ހުރިހާ ކަމެއް ބަދަލުވެގެންދިޔައީ މެޗުގެ ފަހު ދެ މިނެޓް ތެރޭގަ އެވެ. އެގޮތުން މެޗުގެ 88 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ނަތީޖާ އެއްވަރުކޮށްދިން އިރު، މިއީ ޔުނައިޓެޑްގެ އަމަދު ޑިއާލޯ އަށް ސިޓީގެ މިޑްފީލްޑަރު މެތިއުސް ނުނޭސް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޑިއާލޯ އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ސިޓީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލަށް ބޯޅަ ވައްދާލައިގެންނެވެ.
މި މޮޅާ އެކު ޔުނައިޓެޑް އޮތީ، 16 މެޗުން 22 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.
ލީގުގައި ޖެހިޖެހިގެން ފަސްވަނަ މޮޅު ހޯދި މެޗުގައި ޗެލްސީގެ ފުރަތަމަ ގޯލު ނޮނީ މަޑުއޭކޭ ނަގައިދިން ހުރަހަކުން މެޗުގެ 43 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކް ކުކުރެލާ އެވެ. ބްރެންފޯޑަށް ނަތީޖާ އެއްވަރުކޮށްލަން ދެވަނަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، މެޗުގެ 80 ވަނަ މިނެޓްގައި ޗެލްސީން ވަނީ ނިކޮލަސް ޖެކްސަން ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެވެ. ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު ޖެހީ ބްރަޔާން އެމްބުއޭމޯ އެވެ.
މި މެޗު ނިމުނު ފަހުން ބްރެންޓްފޯޑް ކުޅުންތެރިއަކާ ދެމެދު ހިނގި ކަމެއްގެ ސަބަބުން ރެފްރީ ވަނީޗެލްސީގެ ކުކުރޭލާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.