މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ކުޅުމު މެޗްގައި ފަހަތުން އަރައި ޅ. ނައިފަރު ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގ އައްޑޫން ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު ގްރޫޕް ޖީގެ މެޗު އައްޑޫން ކާމިޔާބުކުރީ ށްފައިވަނީ ފަސޭހަކަމާއެކު 7-2 ލަނޑުންނެވެ. މި މޮޅާއެކު އައްޑޫ ކުއާޓާއަށް ދަތުރުކޮށްފައި ވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އައްޑުއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދި ނައިފަރަށް ތިން ޕޮއިންޓް ލިބިފައިވެ އެވެ. އަދި ފުލަށްދިޔަ ދ. މީދުއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ރޭގެ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނައިފަރުންނެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އެ ލަނޑު ކާމިޔާބުކޮށް ދިނީ މުޙައްމަދު އިޒާން އަލީ އެވެ. މެޗްގެ ލީޑް ނައިފަރުން ނެގިތާ 30 މިނެޓް ފަހުން އައްޑޫން ނަތީޖާ އެއްވަރުކުތި އެވެ. އެ ލަނޑު ކާމިޔާބުކޮށް އިބްރާހީމް ވަހީދު ހަސަނެވެ. އޭނަ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ކޯނަރަކުން ހާޒިމް ފައުޒީ ވަނީ ލަނޑެއް ޖަހައި، އައްޑުއަށް ލީޑު ނަގައި ދިމެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނައިފަރުން ނަތީޖާ އެއްވަރުކުރިއިރު، ލަނޑު ޖަހައިދިނީ ކެޕްޓަން ހުސައިން ފައިސަލެވެ.
މެޗުގެ ދެވަނަ ހާފުގައި އައްޑޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެހާފުގައި އެ ޓީމުގެ އިބްރާހީމް ވަހީދު އިތުރު ލަނޑެއް ޖަހައި ދިނުމެވެ. އެއާއެކު މި މެޗުގައި އޭނާ ޖުމްލަ ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އައްޑޫގެ ހަ ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖެހީ އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ) އެވެ. އަދި އޭގެ 10 މިނެޓު ފަހުން އައްޑޫގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށް ދިނީ އިސްމާޢީލް އީސަ އެވެ.
ރޭގެ މޮޅާއެކު މުބާރާތުގެ ކުއާޓާ އަށް އައްޑު ދަތުރުކުރި އިރު، ކުއާޓާގެ ޖާގަތައް ދެން ކަށަވަރުކޮށްފައިވާއިވާ އިތުރު ޓީމްތަކަކީ ފުވައްމުލަކާއި ކަ. ގުރައިދު އާއި ބ. އޭދަފުއްޓާއި، ކ. މާފުށީގެ އިތުރުން ޅ. ނައިފަރެވެ.
ޖުމްލަ 17 ޓީމް ވާދަކުރާ ގޯލްޑް ކަޕް ފެށީ މިދިޔަ މަހުގެ 20 ގަ އެވެ. މުބާރާތް ނިންމައިލާނީ މި މަހުގެ 25 ގަ އެވެެ.