ޕަރްބާސް ހިމަނައިގެން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ހަދަން ތައްޔާރުވަމުން އަންނަ ބޮޑު ބަޖެޓް ފިލްމު "ސްޕިރިޓް" ގެ ބަތަލާ އަކީ މުރްނާލް ތާކޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް މިކަން އަދި އެ ފިލްމު އުފައްދާ ޕްރޮޑަކްޝަން ހައުސް، ޓީ ސީރީޒުން އަދި ކަށަވަރުކޮށެއް ނުދެ އެވެ.
ނަމަވެސް ޕިންކްވިލާ އިން ބުނީ ޕްރަބާސް ފުލުހެއްގެ ރޯލު އަދި ވަރަށް ތަފާތު ސްޓައިލަކަށް ހަދަން ނިންމާފައިވާ "ސްޕިރިޓް" ގެ ބަތަލާއަކަށް މުރްނާލް ގެންނަން ނިންމައި، އެކަމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ.
ދާދި ފަހުން ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ފިލްމު ކާސްޓަށް ކެޓްރީނާ ކައިފް ނުވަތަ އައިޝްވާރީ ރާއި ގެނެވޭތޯ ވެސް މަސައްކަތްތަކެއްކޮށްފައިވެ އެވެ. ނަމަވެސް މިހާރު މުރްނާލް ފިލްމަށް ގެންނަން އުޅޭ ވާހަކަ ދެކެވެމުން އަންނަ އިރު، ހުނަރުވެރި ބަތަލާ އަކީ ބޮލީވުޑްގެ އިތުރުން ދެކުނުގެ ފިލްމުތަކުގައު ވެސް މަސައްކަތް ކުރަމުން އަންނަ ވަރަށް ކާމިޔާބު އަދި ޑިމާންޑް ބަތަލާއެކެވެ.
މުރްނާލް، 32، އެންމެ ފަހުން ފެނިފައި ވަނީ ޖޫންގައި ރިލީޒްކުރި ޕްރަބާސް އާއި ދީޕިކާ ޕަދްކޯންގެ "ކަލްކީ: 2989 އޭޑީ" ގެ އެކްސްޓެންޑް ކެމިއޯއަކުންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕޫޖާ މޭރީ ޖާން" އާއި "ޖޭ ޖަވާނީ ހީ އިޝްގް ހޯނާ ހޭ" އާއި "ސަން އޮފް ސަރުދާރު 2" އަދި "ތުމް ހީ ހޯ" ހިމެނެ އެވެ.
ދެހާސް އެކާވީހުގައި އިއުލާންކުުރި "ސްޕިރިޓް" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އަދި މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ 2026 ގަ އެވެ. "ކަބީރު ސިންގް" ވެސް ގެނެސްދިން ސަންދީޕް އެންމެ ފަހުގެ ފިލްމަކީ ރަމްބީރް ކަޕޫރްގެ މިދިޔަ އަހަރުގެ "އެނިމަލް" އެވެ.
އޭގެ ދެވަނަ ބައި "އެނިމަލް ޕާކް" ގެ ޝޫޓިން 2027 ގައި ފަށަން އޮތީ ޕްލޭންކޮށްފަ އެވެ.