ސަލްމާން ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ސިކަންދަރު" ގެ ޓީޒާ އޭނަގެ އުފަން ދުވަހު އާންމު ކުރަން ނިންމައިފި އެވެ.
މިކަން ކަށަވަރުކޮށް ދެމުން ޕްރޮޑިއުސަރު ސާޖިދު ނަދުއަދުވާލާ ބުނީ ސަލްމާން 59 އަހަރު ފުރޭ ދުވަސް ކަމަށްވާ މި މަހުގެ 27 ގައި ޓީޒާ އާންމުންނަށް ދޫކޮށްލަން ފިލްމުގެ ޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖޫން މަހުގެ ތެރޭގައި ޝޫޓިން ފެށި "ސިކަންދަރު" އަކީ އޭއާރް މުރްގަދޯސް ޑައިރެކްޓްކުރާ އެކްޝަން ތުރިލާއެކެވެ. ސަލްމާން ޑަބަލް ރޯލަކުން ފެންނާނެ ކަމަށް ބެލެވޭ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
"ސިކަންދަރު" ގެ ބަތަލާ އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ "ޕުޝްޕާ 2" ގެ ބަތަލާ ރަޝްމިކާ މަންދަނާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަރުމަން ޖޯޝީ، ކާޖަލް އަގަރްވާލް، ސުނިލް ޝެޓީ އަދި ޕްރަތީކް ބައްބަރް އެވެ.