މަޝްހޫރު ފެޝަން ޗެއިން "މެންގޯ" ގެ ވެރިޔާ އިސާކް އެންޑިކް މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ސްޕެއިންގައި އޭނަ މިދިޔަ ހޮނިހިރު ދުވަހު މަރުވި އިރު އުމުރަކީ 71 އަހަރު ކަމަށާއި މަރުވީ ހައިކިންގައި އުޅެނިކޮށް، ފަރުބަދައެއްގެ މަތިން ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން ކަމަށެވެ. އެ ހާދިސާ ހިނގީ އާއިލާގެ ބަޔަކާ އެކު އެންޑިކް ހައިކްކުރަން އުޅެނިކޮށެވެ. އޭގެ ތެރޭގައި އޭނަގެ ފިރިހެން ދަރިފުޅު ވެސް ހިމެނެ އެވެ.
އެންޑިކް އަކީ ތުރުކީ އަށް އުފަން ސްޕެއިނަށް ނިސްބަތްވާ ވިޔަފާވެރިވެރިއެކެވެ. އޭނަގެ މިލްކިއްޔާތު 4.5 ބިލިއަން ޑޮލަރަށް އަރަ އެވެ. "މެންގޯ" އަކީ އެންޑިކް އާއި އޭނަގެއި ބޭބެ ނަހްމާން ގުޅިގެން 1984 ގައި އުފަންކުރި ވިޔަފާރިއެކެވެ.
މި ވިޔަފާރި 120 ގައުމެއްގައި ހިންގަމުން އަންނަ އިރު، އައުލެޓްތަކުގެ އަދަދު 3،000 އަށް އަރަ އެވެ. "މެންގޯ" ގެ އައުޓްލެޓެއް ރާއްޖޭގެ ވެރިރަށް މާލޭގައި ވެސް ހިންގަ އެވެ.