Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

މިނިވަން 50ގެ ހަރަކާތަށް އައްޑޫ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭ: މާޒް ސަލީމް

ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަ ކުރާ މިނިވަން 50ގެ ހަރަަކާތް އައްޑޫގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން އެއްބާރލުން ނުދޭ ކަމަށް މިނިވަން 50 އޮފީހުން ބުނެފިއެވެ.

މިނިވަން 50 އޮފީހުން މާޒް ސަލީމް މިއަދު "އައްޑޫލައިވް"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން މިނިވަން 50ގެ ހަރަކާތަށް އެއްބާރުލުން ނުދޭ ކަމަށެވެ.

ސަލީމް ވިދާޅުވީ އައްޑޫގެ މަލަމަތި ޒީނަތްތެރިކުރުމަށް ބޭނުންވާ ލައިޓްސް މިހާރު ފޮނުވާލާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ އެހީތެރިކަން ނުލިބުމުން ހިތަދޫގައި ކުރިން ބާއްވަން ނިންމި ރަސްމިއްޔާތު މިހާރު ފޭދޫއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

"މިނިވަން ދުވަހުގެ ހަރަކާތުގެ ތެރޭގައި ހިމެނޭ "ވަން ނެޝަން ލައިޓް" ދިއްލުމުގެ ހަރަކާތް ރާވާފައި މިވަނީ ކޮންމެ އަތޮޅެއްގެ ވެސް ވެރިކަން ކުރާ ރަށުގައި. ކައުންސިލްގެ އެއްބާރުލުން ނުލިބުމުން މިހާރު އެ ހަރަކާތް މިވަނީ ފޭދޫއަށް ބަދަލުކޮށްފައި"

ސަލީމް ވިދާޅުވީ މިނިވަން 50ގެ ހަރަކާތުގެ ގިނަ ކަން ކަން އައްޑޫގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މިނިވަން 50ގެ ހަރަކާތަށް ކައުންސިލުން އެއްބާރލުން ނުދޭ ކަމަށް މިނިވަން 50 އޮފީހުން ބުނެފައިވާ އިރު ކައުންސިލުން ބުނީ މިނިވަން 50ގެ ހަރަކާތް ރޭވުމަށް ކައުންސިލާއި އެކު އެއްވެސް މަޝްވަރާއެއް ވާހަކަ ދެއްކުމެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިވަން 50ގެ ހަރާކާތާއި ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ކައުންސިލަށް ސާކިއުލާރ އެއް ފޮނުވާފައި ވަނީ ޖުލައި 14 ވަަނަ ދުވަހުއެވެ.