މިނިވަން ކަމަށް 50 އަހަރު ފުރޭ ތާރީހީ ދުވަހަށް މާލެ ޒީނަތްތެރިކުރަމުން އަންނަ އިރު ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބަދީ ޒިނަތްތެރިކުރުމަށް ގެނެސްފައިވަނީ އެންމެ 39 ފަތި ބޮކިކަން "އައްޑޫލައިވް"އަށް އެނގިއްޖެއެވެ.
މިނިވަން 50 އޮފީހުން އައްޑޫ ޒީނަތްތެރިކުރުމަށް، ބޮކިތައް ފޮނުވާފައިވާ ކަމަށް މައުލޫމާތު ދީފައިވާ އިރު އައްޑޫ ޒީނަތްތެރިކުރުމަށް ދިއްލަން ޖެހޭ ހުރިހާ ދިއްލުމެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ފެނަކަ ކޯޕަރެޝަންގެ އިސް ބޭފުޅަކު މިއަދު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ވިދާޅުވީ މީގެ އެތައް ދުވަހެއް ކުރިން އައްޑޫގެ ސްކޫލްތަކާއި، ސަރުކާރުގެ އިމާރާތްތައް ދިއްލުމާއި ގުޅޭ ގޮތުން ގިނަ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބޮޑިތަކުގެ ތަފްސީލް މިނިވަން 50 އޮފީހާއި ހިއްސާކޮށްފައިވާ ކަމަށެވެ.
ނަމަވެސް އިއްޔެ ބޮކި ލިބިގެން ފެނަކަ ކޯޕަރަރޭޝަނުން ބޮޑު ވެހިކަލެއްގައި މުވައްޒަފުންނާއި އެކު ދިއުމުން ލިބުނީ އެންމެ 39 ފަތި ބޮކިއެވެ. އޭގެ ތެރެއިން 27 ފަތި ހުޅުމީދޫއަށް ފޮނުވަން ޖެހޭއިރު ފެނަކަ ހިތަދޫ އޮފީހަށް ލިބިފައިވަނީ އެންމެ 12 ބޮކި ފަތިއެވެ.
މިނިވަން 50ގެ ހަރަކާތް އައްޑޫގައި ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ބުނެފައިވާ އިރު ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ފެނަކަ ކޯޕަރޭޝަން އާއި ރޯޑް ކޯޕަރޭޝަނުން ބުނީ އައްޑޫ ޒިނަތްތެރި ކުރުމަށް އެ ދެ ކުންފުންޏަށްވެސް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ.
މިނިވަން 50ގެ އެއްވެސް ކުލަވަރެއް، ޖުލައި 26 ޖެހެން 5 ދުވަހަށް ވެފައިވާ އިރު އައްޑޫގެ އެއްވެސް ހިސާބަކުން ނުފެނެއެވެ.
ނަމަވެސް މުޅި އައްޑޫގައި ދެކެވެމުންދާ ވާހަކައަކީ އައްޑޫގައި ހުރި ސާމާން މިނިވަން 50 އާއި ދިމާކޮށް މާލެ ގެންދާ ވާހަކައެވެ.'
އީސީސީގައި ހުރި ގޮޑިތަކާއި ދާދި ފަހުން އައްޑޫއަށް ގެނައި 2 މެގަ ވޮޓް އިންޖީނު ވަނީ މިނިވަން 50 އާއި ގުޅުވައިގެން މާލެ ގެންގޮސްފައެވެ.