Last Updated: July 26, 18:11
Sunday, July 26, 2026
ރިޕޯޓް

އަޅުކަމަށް ފަހު ފާފަފުއްސެވުމަށް އެދި ދެންނެވުން

الحمد لله والصلاة على رسول الله وعلى آله وصحبه أجمعين.

ބައެއް އަޅުކަންތައް އަދާކޮށް ނިމުމުން ނަބިއްޔާ صلى الله عليه وسلم، ﷲ ތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވާ ތައުބާވެވަޑައިގަންނަވާ ކަމަށް ވާރިދުވެފައިވެ އެވެ. މިކަމާ ބެހޭގޮތުން އިބްނުލް ޤައްޔިމު رحمه الله ވިދާޅުވި އެވެ.

“ދެން އެއަށް ފަހުގައި ﷲ ތަޢާލާ ޚަބަރުދެއްވާފައިވަނީ އެބޭކަލުން ރޭ އަޅުކަންކުރުމަށް ފަހުގައި ހާރުދަމުގެ ވަގުތުގައި ފާފަފުއްސެވުމަށް އެދި ދަންނަވާކަމުގައެވެ. [1] ފަހެ އެބޭކަލުންގެ ނަމާދު ނިންމަވާލައްވާފައި ފާފަފުއްސެވުމަށް އެދި ދަންނަވާ ތައުބާވެއެވެ. އެބޭކަލުން ރޭގަނޑު ހޭދަކުރައްވަނީ ސަޖިދާގައްޔާއި ޤިޔާމުގައެވެ. ދެން އެއަށްފަހުގައި އެއިލާހަށް ތައުބާވެ، އެއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވައެވެ.

ނަބިއްޔާ صلى الله عليه وسلم ނަމާދުކޮށް އަވަދިވުމުން ތިން ފަހަރު އިސްތިޣްފާރުކުރައްވައެވެ. (އެބަހީ: ތިންފަހަރު ފާފަފުއްސުވަށް އެދި ދަންނަވައެވެ.) އަދި އެއިލާހުގެ އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ (ޙައްޖުގައި) ޢަރަފާތު ބިމުގައި މަޑުކުރުމަށް ފަހު އެ އަޅުކަން ނިންމާލަމުން އިސްތިޣްފާރުކުރުމަށެވެ. އަދި ވުޟޫ ކުރާ މީހާ އޭނާގެ ވުޟޫއަށް ފަހު ތައުބާވެއެވެ. (އެބަހީ: ވުޟޫ ދުޢާގައިވަނީ އެފަދަ ޢިބާރާތެކެވެ.) އެހެންކަމުން ހެޔޮ ޢަމަލެއް ނިންމާލަން އެންމެ ރަނގަޅު ގޮތަކީ ތައުބާވެ އިސްތިޣްފާރުކުރުމެވެ.” [2]

އަދި އައްޝައިޚު މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله ވިދާޅުވިއެވެ.

“ހަމަކަށަވަރުން ނަމާދު އަދާކުރުމުގައި އުނި ކަންތައްތަކެއް މެދުވެރިވެދާނެއެވެ. ނަމާދަށް ފަހުގައި ފާފަފުއްސެވުމަށް އެދި ދެންނެވުމުގެ ޙިކުމަތަކީ އެއީއެވެ. އެހެންކަމުން ނަމާދަށް ފަހުގައި أَسْتَغْفِرُ الله ތިން ފަހަރު ކިޔުމަށް ޝަރުޢުކުރައްވާފައިވެއެވެ.” [3]

އެހެންކަމުން ހެޔޮ ޢަމަލުތަކަށް ފަހުގައި ގިނަގިނައިން އިސްތިޣްފާރުކޮށް ތައުބާވެ އެ ޢަމަލު ޤަބޫލުކޮށް ދެއްވުން އެދި ދުޢާ ކުރައްވާށެވެ.

[1] އެއީ އަންނަނިވި އާޔަތުގައި ޛިކުރުކޮށްފައިވާ މީހުންނެވެ.
كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ‎﴿١٧﴾‏ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ‎﴿١٨﴾ [سورة الذاريات]
މާނައީ: “އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތުކޮޅެއްގައެވެ. [17] އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށް އެދި ދަންނަވައެވެ. [18]”
[2] التبيان في أيمان القرآن لابن القيم (ص: 445 – 446).
[3] مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (13 / 290)

މަސްދަރު: ދިސަލަފިއްޔާ