އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ޑައިރެކްޓްކޮށް، ކުޅުނު ފުރަތަމަ ފިލްމު "ފަަތޭ" އަށް ލިބޭ އާމްދަނީ ޚައިރާތަށް ހޭދަކުރަން ނިންމައިފި އެވެ.
އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަ ފިލްމަށް ބޮކްސް އޮފީހުގައި ލިބޭ އާމްދަނީ ހަދިޔާކުރާނީ އިންޑިއާގެ ޔަތީމުހާނާތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކަށް ކަމަށެވެ.
"މިއީ އިންޑިއާގެ ރައްޔިތުންނަށްޓަކައި ހެދި ފިލްމެއް. އެހެންވެ މިއިން ލިބޭ ފައިދާ ވެސް ސީދާ ދާނީ ރައްޔިތުންނާ ހަމައަށް." ސޯނޫ ބުންޏެވެ.
އޭނަ މިގޮތަށް ނިންމި އިރު، ސޯނޫ އަކީ ކޮވިޑްގެ ވަބާގެ ތެރޭގައި އިންސާނިއްޔަތަށް ފޯރުކޮށް ދޭން ފެށި އެހީ ހުއްޓުމެއް ނެތި އެތައް ބަޔަކަށް އެތައް ގޮތަކުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ މީހެކެވެ. އެގޮތުން މާލީ އެހީގެ އިތުރުން ސްކޮލަޝިޕް ފުރުސަތުތައް ވެސް ސޯނޫ އަންނަނީ ފަހިކޮށް ދެމުންނެވެ.
އޭނަގެ މި ހިދުމަތުގެ އަގުވަޒަންކޮށް، މިހާތަނަށް އެތައް އެވޯޑެއް ވެސް ދީފައިވެ އެވެ.
ޒީ ސްޓޫޑިއޯއާ ގުޅިގެން ގެނެސްދޭ ސޯނޫގެ އަލަތު ޑައިރެކްޝަން "ފަތޭ" އަކީ އޭނަ ޕްރޮޑިއުސް ވެސް ކޮށްފައިވާ ފިލްމެކެވެ. މި ސައިބަ ކްރައިމް ތުރިލާގެ ބަތަލާ އަކީ ޖެކްލީން ފެނާންޑޭޒެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނަސީރުއްދީން ޝާހާއި ވިޖޭ ރާޒާއި ދިވްޔެންޑޫ ބަޓަޗާރިއާ އަދި ޕްރަކާޝް ބެލަވާޅީ ހިމެނެ އެވެ.