މިދިޔަ އަހަރާ ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވިޔަސް ރައްޔިތުން ވީ ނިކަމެތި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އަހަރު ނިމިގެން ދާއިރު، މި ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ލިބޭ ފިނިކަމެއް، ލިބުނު ހިތްހަމަޖެހުމެއް ނުފެނުނު ކަމަށާއި އެންމެހާ ދިވެހިން، ކޮއްޕަމުން، ލަވަމުން، ވައްދަމުން ގެންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެއްގެ ތެރެއަށް ކަމަށެވެ. އަދި އަޅުވެތިކަމުގެ ބަނދެލުމަކުން ދިވެހިން ބަނދެލުމަށް މި ސަރުކާރުން މިސްރާބު ހިފާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިދިޔަ އަހަރާ ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ 78 މިލިއަން އިތުރުވެފައިވީ ނަމަވެސް ރައްޔިތުން ބިކަވެ, ވީ ނިކަމެތި. ސަރުކާރުން އާސަންދައަށް ކުރި ޚަރަދު ވަނީ 101 މިލިއަން ރުފިޔާ މަދުކޮށްފައި. އިވެމުން ދަނީ ނިކަމެތި ރައްޔިތު މީހާ، އާސަންދައަށް އެދި ރޮއެ ކުރާ އާދޭހުގެ ހިތްދަތި އަޑު،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުން ނިކަމެތިވި ނަމަވެސް ސިޔާސީ މުސާރަ އާއި ގުޅުންހުރި ޚަރަދުތަކަށް 1.4 ބިލިއަން ރުފިޔާ އިތުރަށް ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށެވެ.
އަދި އާންމު ރައްޔިތުންގެ ވޭނުގެ އަޑު އެހުމާއި ނުލައި ކުރިއަށް ދަނީ ސަރުކާރުގެ އިސްވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތަކާއި އެމަގަށް ކުރާ މަސައްކަތްތައް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.