ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ޖަޕާނު ސަރުކާރުގެ ފަރާތުން އެ އާލާތްތައް އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ތަކެއުޗީ މިދޯރީ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ އާލާތްތަކާ ހަވާލުވެލެއްވީ، ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޣައްސާން ވަނީ ޖަޕާނު ސަރުކާރަކީ ރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ޤައުމެއްކަން ފާހަގަކުރައްވައި، އެ ޤައުމުން އެމްއެންޑީއެފްއަށް އެހީ ހަދިޔާކޮށްދެއްވާފައިވާތީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި، އޮޕަރޭޝަނަލް އާލާތްތަކާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ފޯރުކޮށްދޭ ޚިދުމަތްތައް، ކުރިއަށް އޮތް ދުވަސްތަކުގައި ދެގުނަ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މިއަދު ހަދިޔާކުރި އާލާތްތަކުގެ ސަބަބުން، އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުމަތީގެ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަވަހަށް އަދި ހަރުދަނާކަމާ އެކު ހަރަކާތްތެރިވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލިއްޔަތުކަން އިތުރުވެގެންދާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.