ޖޭމްސް ގަން ޑައިރެކްޓްކޮށް ގެނެސްދޭން ހަމަޖެހިފައިވާ ސުޕަހީރޯ ފިލްމު "ސުޕަމޭން" ގެ މޯޝަން ޕޯސްޓަރު ދައްކާލައި، ފިލްމު ސިނަމާތަކަށް ގެންނަ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 11 ގަ އެވެ.
އާ "ސުޕަމޭން" ފިލްމުގައި ޓައިޓްލް ރޯލުން ފެންނާނީ ޑޭވިޑް ކޮރެންސްވެޓެވެ.
"ސުޕަމޭން" ގެ އެންމެ ފަހުގެ ފިލްމަކީ 2013 ގައި ހެންރީ ކެވިލްއާ އެކު ގެނެސްދިން "މޭން އޮފް ސްޓީލް" އެވެ. އަދި އާ ފިލްމުގައި ވެސް ކުރިން ޓައިޓްލް ރޯލު ކުޅޭ ގޮތަށް އޮތީ އޭނަ އެވެ. ނަމަވެސް ކާސްޓަށް ބޮޑު ބަދަލެއް ގެންނަން ނިންމިކަން އިއުލާންކުރީ 2022 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މިއާ އެކީ ފޭނުންނަށް ބޮޑު މާޔޫސްކަމެއް ލިބުނު ނަމަވެސް ޑައިރެކްޓަރު ބުނެފައި ވަނީ އާ އެކްޓަރަކާ އެކު "ސުޕަމޭން" ގެނެސްދޭ އިރު އެއްވެސް ކަހަލަ އައިބުކަމެއް ފަޅުކަމެއް ނުފެންނާނެ ކަމަށެވެ.
ޑީސީ އާއި ވޯނާ ބްރޮސްގެ މި ފިލްމު ޖޭމްސް ގަން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ އިރު، ފިލްމުން ބޮޑު ކާސްޓެއް ފެންނާނެ އެވެ. އެގޮތުން "ސުޕަމޭން" ގެ ބަތަލާ އަކީ ރެޗެލް ބްރޮސްނަހަން އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އީޒަބެލާ މާސީޑް، އެޑީ ގެތީގީ، ނަތަން ފިލަން، އެންތަނީ ކެރިގަން، ސާރާ ސަމްޕައިއޯ، މަރާޔާ ގެބްރިއެލާ، ސްކައިލާ ގިޒޮންޑޯ އަދި ނިކޮލަސް ހޯލްޓް ހިމެނެ އެވެ.
ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޖޭމްސްގެ ގަން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" އެވެ.