ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެން އައްޑޫގެ އެކި އަވަށްތައް ކައުންސިލްގެ ހަރަދުގައި ޒީނަތްތެރި ކުރާނެކަމަށް ކައުންސިލުން ބުނެފިއެވެ.
ކައުންސިލްގެ އިސް އޮފިޝަލަކު ވިދާޅުވީ ކައުންސިލްގެ ހަރަދުގައި، ރަށްތައް ޒީނަތްތެރިކުރުމަށް އަވަށު އޮފީސްތަކަށް އަންގާފައިވާ ކަމަށެވެ. އަދި އެ އޮފީސްތަކުން އެމަސައްކަތް ކުރިއަށް ގެންދާކަމެށެވެ.
"ޖުލައި 26 އާއި ދިމާކޮށް ކޮންމެ ފަހަރަކުވެސް އަޅުގަނޑުމެން އޮފީސްތައް ދިވެހި ދިދަ ޖަހައި، ޒީނަތްތެރިކުރަން. ހަމަ އެގޮތަށް މިއަހަރުވެސް ކައުންސިލްގެ ހަރަދުގައި އެމަސައްކަތް ކުރަމުން މިދަނީ"
މިނިވަން 50 އާއި ދިމާކޮށް އައްޑޫގައި ކުރިއަށްދަން ނިންމާފައިވާ ކަންކަމަށް ކައުންސިލުން އެއްްބާރުލުން ނުދޭކަމަށް މިނިވަން 50 އޮފީހުން މިއަދު ވަނީ ބުނެފައެވެ.
ކައުންސިލުން ބުނީ ސަރުކާރުގެ އެއްވެސް އިދާރާއަކުން އެދުނު ކަމަކަށް ކައުންސިލުން ފުރަގަސް ނުދޭނެކަމަށެވެ. އަދި އައްޑޫ އާއި އައްޑޫގެ ރައްޔިތުންގެ ލާބައަށް ކުރެވޭ އެންމެހާ ކަންކަމަށް ކައުންސިލްގެ ލަޔާގަތާއި ގާބިލްކަން ހުރި މިންވަރަކުން އެހީތެރިވެދޭނެ ކަމަށެވެ.
މިނިވަން 50ގެ ކުޅިވަރު މާލޭގައި ބާއްވާއިރު، މިނިވަން 50ގެ އެއްވެސް ކުލަވަރެއް އައްޑޫން އަދި ނުފެނެއެވެ. އައްޑޫ ޒީނަތްތެރިކުރުމަށް ގެނައި 39 ބޮކި ފަތި ދަމާނެ ގޮތަކާއި މެދު ފެނަކަ ކޯޕަރޭޝަނުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.