Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މެރިކަލްޗާ އަށް ޗައިނާގެ އިންވެސްޓަރުން މުހިއްމު

ރާއްޖޭގައި މެރިކަލްޗާ ކުރިއަރުވަން މިހާރުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނާތީ އެ ދާއިރާ ކުރިއަރުވަން ޗައިނާގެ އިންވެސްޓަރުން މުހިއްމު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ،

މިނިސްޓަރު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުމުގައި ވިދާޅުވީ މެރިކަލްޗާ އަށް އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް ރާއްޖެ އިން މިހާރު އޮތީ ހުޅުވާލާފައި ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައި މިނިސްޓަރު ޝިޔާމު ވިދާޅުވީ ސަރުކާރުގެ ތަަސައްވަރަކީ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން ވެސް އިތުރުކޮށް މަސްވެރިކަމުގެ އާމްދަނީ އިތުރުކުރުން ކަމަށެވެ. އެގޮތުން މިވަގުތު ރާއްޖެއިން ގާތްގަނޑަކަށް 65،000 ޓަނުގެ ރޯ މަސް އެކްސްޕޯޓް ކުރާއިރު، އެ މަސްތައް ރާއްޖެއިން ބޭރުގައި ޕްރޮސެސްކޮށް ދުނިޔޭގ މާކެޓްތަކަށް އެކްސްޕޯޓް ކުރާކަން ފާހަގަކުރެއްވި އެވެ.

ޝިޔާމު ވިދާޅުވީ ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދުނިޔޭގެ އެންމެ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކަމަށެވެ.

އޭނަ ވިދާޅުވީ މި އަހަރުގެ ޖެނުއަރީގައި ރައީސް ޑރ .މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެމްއޯޔޫތަކުގައި ބަޔާންކޮށްފައިވާ އެއްބާރުލުމުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ އާ އިންވެސްޓްމަންޓްތައް ގެނައުމުގައި ޗައިނާގެ ބައިވެރިންނާއެކު ޕާޓްނަޝިޕް އުފެދި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި މަސް ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަނާއި ގުޅިގެން ކުރަމުން އަންނަ ކަމަށާއި މި މަޝްރޫޢު ނިމިގެންދާ އިރު ރާއްޖޭގައި ދަޅު މަސް ބަންދުކުރެވޭ ޤާބިލްކަން ތިންގުނައަށް އިތުރުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އަދި މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ރާއްޖެއަށް މި ދާއިރާއިން އާމްދަނީ ލިބޭނެ އިތުރު މަގުތައް ވެސް ސަރުކާރުން އަންނަނީ ފަހިކޮށް ދެމުންކަން ފާހަގަކުރައްވައިޝިޔާމު ވިދާޅުވީ އެކުއަކަލްޗާ ދާއިރާ ފުޅާކުރުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

އެގޮތުން އެ ދާއިރާގައި ގިނަ ފުރުސަތުތަކެއް ރާއްޖެއަށް އެބައޮތް ކަމަށާއި އެކުއަކަލްޗާ އަކީ ރާއްޖެއަށް އައު ސިނާއަތަކަށްވާ އިރު، އެކުއަކަލްޗަ ތަރައްޤީ ކުރުމަށް 4 ސަރަހައްދެއްް ކަނޑައެޅިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޝިޔާމު ވިދާޅުވީ ރާއްޖޭގައި އެ ދާއިރާ ފުޅާކުރުމަށް ޗައިނާގެ އިންވެސްޓަރުން މުހިއްމު ކަމަށާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އެ ދާއިރާއިން ޓެކްނޮލޮޖީ ޓްރާންސްފާ އާއި، ކެޕޭސިޓީ ބިލްޑިންއާއި، ޓްރެއިނިންގައި ވެސް ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.