Last Updated: May 13, 23:15
Tuesday, May 13, 2025
ދުނިޔެ

ޓިކްޓޮކްގެ ސީއީއޯއާ ޓްރަމްޕް ބައްދަލު ކުރަނީ

ޓިކްޓޮކްގެ ވެރިންނާ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ބައްދަލުވުން އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށާއި ބައްދަލުވުމުގައި އެންމެ އިސްކޮށް ހުންނަވާނީ ޓިކްޓޮކްގެ ސީއީއޯ ޝޫ ޒީ ޗިއު ކަމަށެވެ. ސީބީއެސް އިން ރިޕޯޓްކޮށްފައިވާ ބައްދަލުވުން އޮންނާނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ މެރަ ލަގޯގަ އެވެ.

އަންނަ މަހުގެ ތެރޭގައި އެމެރިކާގައި ޓިކްޓޮކް މަނާވާ ގޮތަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލް ރައީސް ޖޯ ބައިޑެން ތަސްދީގު ކުރެއްވީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެ ގާނޫނުގައިވާ ގޮތުން އެމެރިކާގައި ޓިކްޓޮކް ހިންގަން ބޭނުން ނަމަ އޮތް ހަމައެކަނި ފުރުސަތަކީ އެ އެޕް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލައިގެން ކުރިއަށް ގެންދިއުމެވެ.

އެގޮތުން އެ މުއާމަލާތް ހިންގަން ދީފައި އޮތް ސުންގަޑި އަކީ އަންނަ މަހުގެ 19 އެވެ.

އެމެރިކާ އިން ޓިކްޓޮކް މަނާކުރަން ފަސްކޮށް ދިނުމުގެ އަމުރަކަށް އެދި ބައިޓްޑާންސުން މިހާރު އެ ގައުމުގެ ސްޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ޓިކްޓޮކުން ބުނެފައި ވަނީ އެމެރިކާގައި އެ އެޕް މަނާކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށާއި ހިޔާލުފާޅު ކުރުމުގެ ހައްގު ވެސް ނިގުޅައިގެންފައިވާ ގާނޫނެއް ކަމަށެވެ. އަދި އެ ގާނޫނަށް އަމަލުކުރަންވެއްޖެ ނަމަ އޭގެ ސަބަބުން ޓިކްޓޮކް ބޭނުންކުރާ އެމެރިކާގެ އެތައް ބައެއްގެ ހައްގުތަކެއް ގެއްލި، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވާނެ ކަމަށް ޓިކްޓޮކުން ބުނެފައިވެ އެވެ.

ޓިކްޓޮކަށް ދީފައި އޮތް ސުންގަޑި ގާތްވަމުން އަންނަ އިރު، އެމެރިކާގެ އިންތިހާބީ ރައީސް ހުވާކުރައްވައި އާ ސަރުކާރުގެ މަސައްކަތް ފެށިގެން ދާނީ އަންނަ މަހުގެ 20 ގަ އެވެ.

ޓިކްޓޮޮކާ ޓްރަމްޕް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހުނު އިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ޓިކްޓޮކް މަނާ ކުރަން ގިނަ މަަސައްކަތްތަކެއް ކުރައްވައި ވެރިކަމުގެ ފަހު އަހަރު، 2020 ގެ ތެރޭގައި އެ އެޕް އެމެރިކާގެ ކުންފުންޏަކަށް ވިއްކައިލަން ޕްރެޝަރުތަކެއް ކުރުމާ ގުޅިގެން އެފަދަ މުއާމަލާތްތަކެއް ވެސް ބައިޓްޑާންސަށް ހިންގަން މަޖުބޫރު ވެސް ވިކަމެވެ.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރަށް ވާގިދޭ އަދި އެ ގައުމުގެ އަސްކަރިއްޔާ އަށް ޖާސޫސްކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. އަދި އޭގެ ސަބަބުން އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދެ އެވެ.

އެެހެންވެ އެމެރިކާ އިން ސިފަކުރާ ގޮތުގައި ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެވެ. ނަމަވެސް މި ތުހުމަތުތައް ޓިކްޓޮކުން އަބަދު ވެސް އަންނަނީ ދޮގުކުރަމުންނެވެ.

ޓިކްޓޮކަކީ ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި އެންމެ މަގުބޫލު އެކައްޗެކެވެ. އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ އަދަދު 170 މިލިއަނަށް އަރަ އެވެ.