Last Updated: July 16, 17:14
Thursday, July 16, 2026
މުނިފޫހިފިލުވުން

ލައިވް ޝޯތައް ބޭއްވޭ ފެންވަރެއް އިންޑިއާގެ ނެތް

އިންޑިއާ އަކީ ލައިވް ޝޯތައް ދޭ ފެންވަރުގެ އިންފްރާސްޓްރަކްޗާތަކެއް ނެތް ގައުމެއް ކަމަށާއި އެހެންވެ ޝޯތައް ދިނުން މިހާރު ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް މަޝްހޫރު ޕަންޖާބީ ފަންނާނު ދިލްޖީތު ދޮސަންޖް ބުނެފި އެވެ.

ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ފަންނާނު ބުނީ ލައިވް ޝޯތައް ބޭއްވޭނެ ރަނގަޅު ފެންވަރުގެ ފެސިލިޓީތަކެއް ގާއިމު ނުކުރަނީސް ދެން އިންޑިއާގައި ޝޯތައް ނުދޭނެ ކަމަށެވެ. އިންޑިއާގައި ބޮޑެތި ލައިވް ޝޯތައް ބާއްވާ ތަންތަނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ދިލްޖީތު ބުނީ މިއީ އިންޑިއާގެ ސްޓޭޓްތަކުން މިހާރު ވަރަށް ފުންކޮށް ވިސްނަންވެއްޖެ ކަމެއް ކަމަށެވެ.

"ހަގީގަތުގައި މިއީ ބޮޑު ރެވެނިއުއެއް ވެސް ޖެނެރޭޓް ކުރެވެން އޮތް ދާއިރާއެއް،" އޭނަ ބުންޏެވެ. "އެހެންވެ އަހަރެން ގޮވައި ވެސް ލަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ލައިވް ޝޯތަކަށް އެކަށީގެންވާ ފެންވަރުގެ އިންފްރާންސްޓްރަކްޗާތައް ގާއިމުކޮށް ދިނުމަށް."

ދިލްޖީތު ބުނި ގޮތުގައި ޝޯތަކަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބޮޑު އަގުގައި ޓިކެޓް ގަނެގެން ޖަމާވާ އިރު، އެ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އޭނަ ބުނީ އިންޑިއާގައި މިއުޒިކީ ފަންނާނުން އުފެދޭ މިންވަރު އިތުރުވަމުން އަންނަ އިރު، އެ މީހުންނަށް ކުރިއަށް ގޮސް އާމްދަނީ ހޯދޭނެ މަގުތަނަވަސް ވާން ވެސް އޮތީ ޝޯތައް ބޭއްވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތަކެއް ގާއިމުކޮށް ދީގެން ކަމަށެވެ.

"މީގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް ވެސް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ." ދިލްޖީތު ބުންޏެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ދިލްޖީތަކީ މިހާތަނަށް އިންޑިއާގެ އެކި ހިސާބުތަކުގައި ޝޯތައް ދީފައިވާ ފަންނާނެކެވެ. އަދި ގައުމުން ބޭރުގައި ވެސް އޭނަ އަންނަނީ ޓުއާތައް ބާއްވަމުންނެވެ.

އިންޑިއާ އަކީ ބޭރުގެ މަޝްހޫރު ފަންނާނުން ވެސް ޓުއާތަކުގައި ވަރަށް ގިނައިން އަންނަ ގައުމެކެވެ. އެގޮތުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޑުއާ ލިޕާ ވެސް މުމްބާއީގައި ޝޯއެއް ދީފައިވާ އިރު، އަންނަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ އެޑް ޝީރަން ވެސް އިންޑިއާގައި ޕަފޯމްކުރަން ހަމަޖެހިފައިވެ އެވެ.

ޝީރަން ކުރިން ވެސް އެ ގައުމުގައި ޝޯތަކެއް ދީފައިވެ އެވެ.