Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކަފާލާތުން ކުށްވެރިން ދޫކުރެވޭ ބިލް ތަސްދީގުކޮށްފި

ކުށް ސާބިތުވެ ޖަލަށް ހުކުމް ކުރާ މީހުން، އެމީހުންގެ އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި އެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.

މި ބިލުގެ ދަށުން، މިހާރު ތަންފީޒު ކުރެވެމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ޤާނޫނުގައި މިހާރު އެކުލެވޭ، ކަފާލާތުގެ ޢާންމު އުސޫލުތަކާއި، ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތައް އިޞްލާޙުކުރުމާއެކު، މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކުރުމަށްފަހު ވަކި މަޖިލީހެއްގައި އަދަބު ކަނޑައަޅާ ޙާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ޙާލަތްތަކާއި، ކުށް ސާބިތުވާކަމުގެ ޙުކުމެއް ކަނޑައެޅިފައިވާ މީހަކަށް އިސްތިއުނާފުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ޙާލަތްތަކާއި، އެކަމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކާ ގުޅޭ އިޞްލާޙުތައް ހިމަނާފައިވެ އެވެ.

އަދި މި ބިލުން، ސައިބާ ސްޕޭސްގައި ކުށްތައް ކުރާ ފަރާތްތަކުން ޓެކްނޯލޮޖީ މެދުވެރިކޮށް ހިންގާ ސައިބާކްރައިމްތަކާއި، އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި، އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅުއެޅުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭންޖެހޭ ބާރުތައް ލިބިދީ، އެފަދަ ކުށްތައް ތަޙްޤީޤުކޮށް ދަޢުވާ އުފުލުމުގައި ޢަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައަޅައިފައިވެ އެވެ.

އެގޮތުން، ޒާތީ މުޢާމަލާތްތައް އިސްޓަރސެޕްޓްކުރުމާއި، ސަބްސްކްރައިބަރ އަދި ކޮމިއުނިކޭޝަން ޑޭޓާ ރީޓެއިންކުރުމާއި އެކަމާ ގުޅޭ ކޯޓު އަމުރު ހޯދުމާއި، ރައްކައުކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ ބަލައި ފާސްކުރުމާއި، ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާއަތުތަކާއި، ރިއަލް-ޓައިމްގައި ޓްރެފިކް ޑޭޓާ ނެގުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، މާލީ އިދާރާތަކާ ދެމެދު ރައްކައުތެރިކަމާއެކު ރިއަލް-ޓައިމްގައި މަޢުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް، ޤާއިމުކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން، ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ހޯދައިފައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދައިފައިވާ ފައިސާ ކަމުގައި ބެލެވޭ ހާލަތްތަކުގައި އެ ފަރާތްތަކުގެ އެކައުންޓުތަކުގައިވާ ފައިސާ އަވަސް ގޮތެއްގައި ހިފަހައްޓައި، އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވައި، ޤާނޫނީ ނިޒާމުގެ ތެރެއިން މި ކުށް ހުއްޓުވުމުގެ ގޮތުން އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިޞްލާޙުތަކެއް މި ބިލުގައި ހިމަނާފައިވެ އެވެ.